ޚަބަރު

ބުރުނީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވައިފި


  • ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ރައީސްވަނީ ކައުންސިލަށް ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވާފައި

ކޮޅުމަޑުލު ބުރުނީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.

ބުރުނީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ ކޮޅުމަޑުލުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަށް ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވާފައެވެ.

ބުރުނީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް މިފެށީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުންނެވެ.

ބުރުނީގައި ހުޅުވި ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 13 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޤާއިމުކޮށް ޚިދުމަތް ދޭންފަށާފައެވެ. އިޤުތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ.