ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ކުލަބު އީގަލްސްއަށް ދިމާވީ އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންނަށް އަނިޔާވެފައިވުމާއި ފިޓްނަސް މައްސަލަކަމަށް އީގަލްސްގެ ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނެފިއެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗަށްފަހު ޕީއެސްއެމް ނިއުސްއަށްދިން އިންޓަވިއުއެއްގައި ނިމާ ބުނީ ޗެރިޓީ ޝީޗްލްޑް މެޗުގައި މާޒިޔާއާއި ދެކޮޅަށް ކުޅުމަށްފަހު މާ އަވަހަށް ލީގު ފަށާ މެޗު ކުޅެން ޖެހުމުން ކުޅުންތެރިންގެ އަނިޔާގެ މައްސަލަތަކާއި ހުރެ އުނދަގޫވިކަމަށެވެ. މާޒިޔާއާއި އަޅާކިޔާއިރު އެކުލަބު ހާސްބައި ތަފާތުކަމަށާއި މާޒިޔާ ނިކުތީ ވަރަށް ފިޓްނެސް ލެވެލް ރަނގަޅުކޮށްކަމަށެވެ.
އީގަލްސްގެ މުހިންމު ގިނަ ކުޅުންތެރިން އަނިޔާގައި ތިބިއިރު ބިދޭސީ ޑިފެންޑަރުވެސް ހުރީ އަނިޔާގައި ކަމަށް ނިމާ ފާހަގަކުރިއެވެ.
”ބޭރު ޑިފެންޑަރުވެސް ވަރަށްބޮޑަށް އިންޖަރީގައި ހުރެގެން ވަރަށް ހިއްވަރަށް ކުޅުނީ. އީގަލްސް އާއި މާޒިޔާއާއި އަޅާކިޔާއިރު ފިޓްނަސް ލެވެލް ހާސްބައި ތަފާތު. ބިދޭސީ ކުޅުންތެރިންވެސް އެންމެ ފިޓެއް ނޫން. އެކަމަކު ދެން ކައުންޓަރ އެއްޗެހި ޑިފެންސްލައިން އާއި މެދު ތެރެއިންވެސް ގޯސްތައް ހެދުނު“ ނިމާ ބުންޏެވެ.
އީގަލްސްއިން ދެން ނިކުންނަ މެޗެއްގައި ކުޅުން ރަނގަޅުކުރާނެ ކަމާއި ޑިފެންސާއި މެދު ތެރެއިންވެސް ކުޅުން ރަނގަޅުކުރާނެ ކަމަށް ކޯޗް ނިމާ ބުންޏެވެ.
އީގަލްސްގެ އިމްރާން ނަޝީދު ކަހަލަ އެކްސްޕީރިއަންސް ކުޅުންތެރިއަކު އަނިޔާގައި ހުރުމާއި ގުޅިގެން އެ ކަހަލަ ތަޖްރިބާކާރު ކުޅުންތެރިން މަދުވުންވެސް އެއީ ގޮން ޖެހުމެއް ކަމަށް ނިމާ ފާހަގަކުރިއެވެ.
ލީގުގެ ދެވަނަ މެޗުގައި އީގަލްސް މިއަދު ހަވީރު ނިކުންނާނީ ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅާށެވެ.