ޚަބަރު

އިންސާނީ ޙައްގުތަކާ ބެހޭ މަޖިލީހުގައި ރާއްޖޭގެ ހަރަކާތްތެރި ދައުރެއް!


  • ޒުވާނުންނާއި އިންސާނީ ހައްގުތަކުގެ ޤަރާރު ކޯ ސްޕޮންސަރކުރި

  • އިންސާނީ ހައްގުތަކަށް ވަކާލާތުކުރި

އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 63 ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުން ފާހަގަކޮށްލެވޭ ފަދަ ހަރަކާތްތެރި ދައުރެއް އަދާކޮށްފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޖެނީވާގައި ކުރިއަށްދިޔަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 63 ވަނަ ސެޝަން ނިންމާލީ އިއްޔެއެވެ.

އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 63 ވަނަ ސެޝަންގައި ބައިވެރިވި ރާއްޖޭގެ ވަފުދު އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސަފީރު ޑރ. ސަލްމާ ރަޝީދެވެ. މި ވަފުދުގައި ދާއިމީ މިޝަންގެ ކައުންސެލަރ އާދަމް ހާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އައިޝަތު ރަޔާހީން އަދި އެޓާޗޭ ރާއިދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރ ކުރި ގަރާރުތަކުގެ ތެރޭގައި ޒުވާނުންނާއި އިންސާނީ ހައްގުތައް، ކުޑަކުދިންނަށް ބޭނުންވާ އެކަށީގެންވާ ފައިދާހުރި ކާނާ ހަމަހަމަކަމާއެކު ލިބިދިނުން، ރައްކާތެރި ބޯފެނާއި ސާފުތާހިރުކަމުގެ އިންސާނީ ހައްގު، އިންސާނީ ހައްގުތައް ކުރިއެރުވުމާއި ހިމާޔަތްކުރުމުގައި ހެޔޮވެރިކަމުގެ ދައުރު، އަދި ހުރިހާ ފަރާތްތަކަށްވެސް ހުރިހާ އިންސާނީ ހައްގުތަކެއް ފުރިހަމައަށް ލިބިދިނުމަށް މަގުފަހިކޮށްދިނުން ފަދަ މުހިންމު ގަރާރުތައް ހިމެނެއެވެ. މީގެ އިތުރުން، އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި، ނޮން-އެލައިންޑް މޫވްމަންޓް (ނޭމް) އަދި ރާއްޖޭގެ އިސްކަންދޭ ކަންކަމާ ގުޅުންހުރި މައުލޫއުތަކުގައި ވަކިވަކި ގައުމުތަކުން ހުށަހެޅި ގުޅިފައިވާ ބަޔާންތަކުގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ނުރަސްމީ ގްރޫޕުގެ ފަރާތުން، މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ހުރި މަގުތަކާއި، އެކަމުގައި ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާ ގުޅޭގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ނެރުއްވި ރިޕޯޓާ ގުޅޭގޮތުން ބޭއްވި މުއާމަލާތުގައި ރާއްޖެއިން ވަނީ ގުޅިފައިވާ ބަޔާނެއް އިއްވާފައެވެ. މީގެއިތުރުން، މި ބަޔާނުގައި ހުރިހާ އިންސާނީ ނަސްލަކަށް އިންސާނީ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ.

މި ސެޝަންގައި ދިވެހިރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ހައްގަށް ވަކާލާތުކޮށް ރާއްޖެއިން ގޮވާލާ ގޮވާލުންތައް ތަކުރާރުކުރައްވާފއެވެ. އަދި އާންމު ރައްޔިތުން ހިމާޔަތްކުރުމަށާއި، އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލާފައިވެއެވެ.

މި ސެޝަންގެ ތެރޭގައި، އެކި ދާއިރާތަކާ ގުޅޭ މައުލޫއުތަކަށާއި ވަކިވަކި ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭގޮތުން 34 ގަރާރަކާއި، 2 ނިންމުމެއްގެ އިތުރުން ރިޔާސަތުގެ ބަޔާނެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ސެޝަންގެ ހުރިހާ މަރުހަލާއެއްގައިވެސް ދިވެހިރާއްޖެއިން ވަނީ ވަރަށް ހަރަކާތްތެރިކޮށް ބައިވެރިވެފައެވެ. އެގޮތުން، މުހިންމު މައުލޫއުތަކާ ގުޅޭގޮތުން ގައުމީ ބަޔާންތައް އިއްވުމާއި، ސަރުކާރުގެ އިސް ސިޔާސަތުތަކާ ގުޅުންހުރި ގިނަ ގަރާރުތަކެއްގައި ރާއްޖެއިން ވަނީ ކޯ-ސްޕޮންސަރ ނުވަތަ ބައިވެރިވެފައެވެ.

މި ސެޝަންގެ ހަވާސާގައި، ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓެއްގެ އިންސާނީ ހައްގާ ބެހޭ އދ. ގެ ސްޕެޝަލް ރެޕަޓުއާ އެސްޓްރިޑް ޕުއެންޓޭސް ރިއާނޯއާ ގުޅިގެން، ރާއްޖެއާއި ކޮސްޓަރީކާ، މޮރޮކޯ އަދި ސްލޮވީނިއާ ގުޅިގެން ހާއްސަ ހަރަކާތެއް ބޭއްވިއެވެ. "އޭ ސެލެބްރޭޝަން އެންޑް ސްޓޮކްޓޭކިންގ: ފައިވް އިޔާސް ސިންސް ދަ ރެކޮގްނިޝަން އޮފް ދަ ހިއުމަން ރައިޓް ޓު އޭ ކްލީން، ހެލްތީ އެންޑް ސަސްޓެއިނަބަލް އެންވަޔަރަންމަންޓް" ގެ ނަމުގައި ބޭއްވި މި ހަރަކާތަކީ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 48/13 ގަރާރު ފާސްކުރިތާ ފަސް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތެކެވެ. މި ބައްދަލުވުމުގައި، ތިމާވެށީގެ ހައްގު ބަލައިގަތުމަށްފަހު ލިބިފައިވާ ކުރިއެރުންތަކާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން 2025 ވަނަ އަހަރު ބައިނަލްއަގުވާމީ ކޯޓުން (އައި.ސީ.ޖޭ) ދޭން ހަމަޖެހިފައިވާ އިސްތިޝާރީ ލަފާގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހު މި ހައްގު ތަންފީޒުކުރުމަށް ކުރަންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ކަނޑުގެ ލެވެލް އުފުލުމާ ބެހޭ 'ކޯ ގްރޫޕް' ގެ މެންބަރެއްގެ ހައިސިއްޔަތުން، "ޕްރޮޓެކްޓިންގ ޕީޕަލް ފްރޮމް ސީ ލެވެލް ރައިޒް: އޭ ހިއުމަން ރައިޓްސް އެޖެންޑާ ފޯ ލިވަބަލް، އިންކްލޫސިވް އެންޑް ރެޒިލިއަންޓް ސިޓީސް" ގެ ނަމުގައި ބޭއްވި ހަރަކާތެއްގައިވެސް ރާއްޖެއިން ބައިވެރިވިއެވެ. ޑޮމިނިކަން ރިޕަބްލިކުން އިސްނަގައިގެން ބޭއްވި މި ހަރަކާތުގައި، ކަނޑުގެ ލެވެލް އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ރައްޔިތުން ހިމާޔަތްކުރުމަށް ކުރެވިދާނެ އަމަލީ މަސައްކަތްތަކަށް އަލިއަޅުވާލިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ، ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމަކަށް ކުރިމަތިވާ ތަޖުރިބާތަކުގެ އަލީގައި، އައްސޭރިފަށުގެ ހިމާޔަތާއި، ކުރިއާލާ އިންޒާރުދޭ ނިޒާމުތަކާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ސިޑްސްގެ ގައުމުތަކަށް ކުރިމަތިވާ ހާއްސަ ހާލަތްތަކަށް ހައްލު ހޯދުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.