ޚަބަރު

ތ.ވިލުފުށީގައި ޤާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • ބީއެމްއެލް އޭޓީއެމުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ

ތ. ވިލުފުށީގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

ތ. ވިލުފުށީގައި ޤާއިމްކުރާ ބީއެމްއެލްގެ ބްރާންޗުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ވިލުފުށީ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅައި، އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، ވިލުފުށީ ދާއިރާގެ މެމްބަރު، އަދި ވިލުފުށީ ކައުންސިލްގެ ރައީސްއެވެ.

ވިލުފުށީގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ ޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިޚިދުމަތް ފަށްޓަވާދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

ވިލުފުށީގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމްއިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 13 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ. އިޤުތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ.