ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު އީގަލްސް ދެ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ބުރު ސްޕޯޓްސް ކުލަބުން ނަތީޖާ އެއްވަރުކޮށްފިއެވެ.
ލީގުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ތުން ބަލިވިއިރު، ބުރު ސްޕޯޓްސް ކުލަބުން ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން މޮޅުވެފައެވެ.
ގައުމީ ބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސް ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހަމާލާވެސް އުފެއްދީ އީގަލްސްއިންނެވެ. ދެވަނަ މިނުޓުގައި އަޙްމަދު ރިޒުވާން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
މެޗުގެ ހަވަނަ މިނިޓުގައި އީގަލްސްއިން ލީޑު ނެގީ އޭރިޔާ ތެރެއިން އަރިމަތީގަ ހުރެފަ އިބްރާހީމް މަހުދީ ހުސެއިން ފޮނުވާލި ބޯޅަ ގޯލަށް ވަދެގެންނެވެ. އެޔަށްފަހު ދެން ލިބުނު ފުރުސަތެއްގައި މަހުދީ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ ފުރަތަމަ ހާފުގެ 20 ވަނަ މިނިޓުގައި އޭރިޔާ ތެރެއިން ކުޅުންތެރިއެއްގެ ކައިރިން ނައްޓާލާފަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މެޗުގެ 23 ވަނަ މިނިޓުގައި ރިޒުވާނަށް އަނެއްކާވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރު އަތުގަ ޖެހިފައި ނުކުތުމުން މަހުދީ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރު ސްޕޯޓްސްއިން ލަނޑު ޖެހިއިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އީގަލްސްގެ ކުރީގެ ފޯވާޑް މުޙައްމަދު ނާއިމްއެވެ. މިއީ އޭރިޔާ މެދެއްހާ ހިސާބުގައި ހުރެފަ އޭނަ ފޮނުވާލި ހިލޭ ޖެހުމަކުން ކާމިޔާބުކޮއްދިން ލަނޑެކެވެ. ނާއިމް މި ލަނޑު ޖެހީ މެޗުގެ 38 ވަނި މިނިޓުގައެވެ.
މެޗުގެ ދެވަނަ ހާފުގައި އީގަލްސްއަށްވުރެ ބޮޑަށް ބުރު ސްޕޯޓްސް ކުލަބުން ވަނީ ކުރިއަށްޖެހި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ހާފުގައި ބުރުން ވަނީ އީގަލްސް ގޯލަށް ނުރައްކާތި ހަމާލާތަކެއް އަމާޒުކޮއްފައެވެ.
ބުރުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 57 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ. އޭރިޔާ ތެރެއިން ނާއިމް ދެކުޅުންތެރިން ކައިރިން ނައްޓާލާފަ ދާން އުޅުމުން އީގަލްސްގެ ކުޅުންތެރިޔަކު ކުރި ފައުލުކަށް ލިބުނު ޕެނެލްޓީ ގޯލަށް ވައްދާލީ އަބްދުﷲ ޖުނެއިދެވެ.
މި ލަނޑަށްފަހު ވެސް ބުރަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަބްދުﷲ ޔާމިން ފޮނުވާލި ބޯޅަ ކީޕަރު މަތަކުރުމުން ނާއިމްއަށް އޭރިޔާ ތެރިން ލިބުނު ބޯޅަ ދަޔައީ ބޭރަށެވެ. މެޗުގެ ފަހު ކޮޅުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހިމް ލެބީ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ބުރުގެ ކީޕަރު ފައިސަލްއެވެ.
ބުރު ސްޕޯޓްސް ކުލަބަށް ލީގުގައި ދެން އޮންނާނީ މާޒިޔާ މެޗެވެ.