ތ. އަތޮޅުގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިންމައިފިއެވެ.
ތ. އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުން ފުލުހުންގެ ޚިދުމަތް ފެށީ ތ. އޮމަދޫގައެވެ. މި ޚިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އޮމަދޫގައި ޕޮލިސް ޑެސްކުގެ ޚިދުމަތް ތަޢާރަފުވުމާއެކު، ތ. އަތޮޅުގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ތ. އޮމަދޫގައި އިއްޔެ ހުޅުވި ޕޮލިސް ޕޯސްޓާއެކު ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުން ޚިދުމަތް ވަނީ ގާއިމްކުރެވިފައި. މިއީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް. pic.twitter.com/sqTHXEPm37
— Maldives Police (@PoliceMv) September 26, 2025
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރެކެވެ. މިއަމާޒު ހާސިލްކުރުމަށް، މިހާތަނަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައި ނުވާ ރަށްރަށުގައި އެޚިދުމަތް ފެށްޓެވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް ދަނީ ފަށަމުންނެވެ.
ސަރުކާރުން ތ. އަތޮޅުގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު، މިއަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.