ކުލަބު މޯލްޑިވްސް ކަޕް 2025 ގައި ކުޅުނު ފުރަތަމަ މެޗުތަކުން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އާއި، ޓީމު އެމްއޭސީއެލް އަދި ކުލަބު އިމިގްރޭޝަން މޮޅުވެއްޖެއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކުލަބު މޯލްޑިވްސް ކަޕުގެ ކުޅުން ރޭ ފެށިއިރު، ފުރަތަމަ މެޗުން ގްރޫޕް ބީގައި ހިމެނޭ އާރްއާރްސީ މޮޅުވީ އެސްޓީއޯ ރެކްރިއޭޝަން ކުލަބު އަތުން 1-0 ގެ ނަތީޖާއަކުންނެވެ. އަދި ގްރޫޕް އޭގައި ހިމެނޭ އެމްއޭސީއެލް އިން ވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބަލިކޮށްފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުން އިމިގްރޭޝަން މޮޅުވީ ބަރޮސް އަތުން ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ. އަދި ގްރޫޕް ބީގެ ދެވަނަ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި ކުލަބު ފެން ބައްދަލުކުރިއިރު، މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މި މުބާރާތުގައި މިރޭ ކުރިއަށްދާނީ ގްރޫޕް ސީ އާއި ގްރޫޕް ޑީގެ މެޗުތަކެވެ.