ޚަބަރު

ތިންވަނަ މޮޅާއެކު މާޒިޔާ އެއްވަނައަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލު އެއްވަނައަށް ޖެހިލައިފިއެވެ. މާޒިޔާއިން މިރޭ ކުޅުނު މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މާޒިޔާއިން މެޗާ ކުރިމަތިލީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކޮށް ފޯމުގައި އޮވެއެވެ. ބުރު ސްޕޯޓްސް ކުލަބުން ފުރަތަމަ މެޗު ކާމިޔާބުކުރި ނަމަވެސް، އެންމެ ފަހުން ކުލަބު އީގަލްސްއާ އެ ޓީމު ވަނީ އެއްވަރުވެފައެވެ. މި މެޗުން ހޯދި މޮޅާއެކު މާޒިޔާ ވަނީ ތިން މެޗުން މޮޅުވެ ހޯދި 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމުންވެސް ވަނީ ވަރުގަދަ އެޓޭކިން ގޭމެއް ކުޅެފައެވެ. ބުރު ސްޕޯޓްސްއަށް ވުރެން ބޮޑަށް މާޒިޔާގެ ހަމާލާތައް ގިނަވެ ވަރުގަދަވިއިރު، ބުރު ސްޕޯޓްސްއިންވެސް ވަނީ މާޒިޔާގެ ގޯލަށް ދޭތެރެ ދޭތެރެއިން ނުރައްކާކޮށްފައެވެ.

މެޗުގެ 22 ވަނަ މިނެޓުގައި އޭރިއާ ބޭރުން ހަމްޒާ މުޙައްމަދު ދިން ބޯޅައެއް ހަސަން ނަޒީމް ހުސްކޮށް ހުރެ ފޮނުވާލުމުން ބުރު ސްޕޯޓްސްގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަހުން މާޒިޔާގެ ހަމްޒާ ފޮނުވާލި ބޯޅައެއް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މާޒިޔާއިން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ 33 ވަނަ މިނެޓުގައި ނާއިޒް މުޙައްމަދު އޭރިއާ ތެރެއަށް ވަދެ ޖައްސާލި ބޯޅައިން ހަމްޒާ ކާމިޔާބުކުރި ލަނޑުންނެޗެ.

މާޒިޔާއިން ޖެހި ދެވަނަ ލަނޑަކީ އޭރިއާ ތެރެއަށް ވަދެ އިބްރާހީމް އައިސަމް ދިން ބޯޅައެއް އޭރިއާގެ އަރިމަތީގައި ހުރެ ނާއިޒް ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ނާއިޒް ކާމިޔާބުކުރީ މެޗުގެ 41 ވަނަ މިނެޓުގައެވެ.

މެޗުގެ ދެވަނަ ހާފުގައި މާ ގިނަ ނުރައްކާތެރި ފުރުސަތެއް ދެ ޓީމަށް ނުލިބުނު ނަމަވެސް، މިހާފުގައި ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން މާޒިޔާއިން ހިފިއެވެ. އެގޮތުން 59 މިނެޓުގައި ލިބުނު ހިލޭޖެހުމެއް އައިސަމް ގޯލަށް ވައްދާލީ އޭރިއާ ބޭރުން އަރިމިތީގައި ހުރެފަ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިގެންނެވެ.