ޚަބަރު

ބްރެންޓްފަޑް އަތުން ސިޓީ މޮޅުވެ ގާޑިއޯލާއަށް ރިކޯޑެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރެންޓްފަޑާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.

މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވުމާއިއެކު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ޕްރިމިއާ ލީގުގައި މޮޅުވި މެޗުގެ އަދަދު ވަނީ 250 އަށް އަރާފަ އެވެ.

ގާޑިއޯލާ ޕްރިމިއާ ލީގުގައި މޮޅުވި މެޗުގެ އަދަދު 250 އަށް އަރާފައިވާއިރު އޭނާ ޕްރިމިއާ ލީގުގައި ސިޓީ އަށް އިރުޝާދު ދީފައިވަނީ ޖުމްލަ 349 މެޗުގަ އެވެ. އެހެންކަމުން މިއީ ޕްރިމިއާ ލީގުގައި 250 މެޗުން މޮޅުވުމުގެ ޝަރަފު އެންމެ މަދު މެޗަކުން ހަމަކުރި ކޯޗެވެ.

ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވިއިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 9 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޮސްކޯ ގްވަޑިއޯލްގެ އެސިސްޓަކުން އާލިން ހާލަންޑް އެވެ.

ހާލާންޑް މި މެޗުގައި ޖެހި ލަނޑާއެކު އޭނާ ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޖެހި ލަނޑުގެ އަދަދު ވަނީ ތިނަކަށް އަރާފަ އެވެ. އަދި މި ސީޒަނުގައި މެންޗެސްޓާ ސިޓީގެ އިތުރުން ނޯވޭގެ ގައުމީ ޓީމަށް ކުޅުނު 11 މެޗުގައި ޖެހި ލަނޑުގެ އަދަދު ވަނީ 18 އަށް އަރާފަ އެވެ.

މި މެޗުން މެންޗެސްޓާ ސިޓީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައިވާ 13 ޕޮއިންޓައެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ.