އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ދިވެހިރާއްޖެއާ ދެކޮޅަށް ތަޖިކިސްތާނުގެ ގޯލްކީޕަރާއި ކެޕްޓަނަށް ނުކުޅެވޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
ޓީމުގެ އެއްވަނަ އަދި އެންމެ ތަޖުރިބާކާރު ގޯލްކީޕަރު ރުސްޓަން ޔަޓިމޯވްގެ ކޮނޑުހުޅު ކައިރިން ވަނީ މަށައިގެންގޮސްފައެވެ. މި ހާނިއްކައިގެ ސަބަބުން އޭނާގެ އަތަށް ލިބިފައިވާ ގެއްލުން މުޅިން ރަނގަޅުވެ ކުޅުމުގެ އަންނަން މަދުވެގެން ހަފުތާއެއް ނަގާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. މިހެންގެ ޓީމުގެ އައު ކޯޗު ސާބިއާގެ ގޯރާން ސްޓަންކޮވިޗް ނިންމީ ކުޅުންތެރިޔާ މުޅިން ފިޓްވެގެން ކުޅެން ފުރުސަތު ދިނުމަށެވެ.
ރަޝިއާގެ ރޮސްޓޯވަށް ކުޅެމުން އަންނަ 27 އަހަރުގެ ކީޕަރު ވަނީ މިހާތަނަށް ގައުމީ ޓީމަށް 48 މެޗު ކުޅެދީފައެވެ. އޭނާގެ ބަދަލުގައި ގައުމީ ޓީމަށް ގެނައީ އިރާނުގެ އިސްތިގުލާލަށް ކުޅެމުން އަންނަ 23 އަހަރުގެ ކީޕަރު މުހުރިއްދީން ހަސަނޯވްއެވެ.
ތަޖިކިސްތާނުގެ ކެޕްޓަން އަލީޝާ ޖަލިލޯވްއަށް މި މެޗުގައި ނުކުޅެވެނީ މި ހަފުތާގައި އޭނާގެ ކޮނޑުގެ އޮޕަރޭޝަނެއް ކޮށްފައިވާތީއެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު ވަހްދަތު ހަނަނޯވް އާއި އިރާނުގައި ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު އަމަޑޯނީ ކަމޮލޯވްވެސް މި މެޗުން ނުފެންނާނެއެވެ. މި ދެ ކުޅުންތެރިންނަށްވެސް ވަނީ އަނިޔާވެފައެވެ.
ރާއްޖެއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކިރިގިސްތާން ނުކުންނައިރު ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި އެ ގައުމު އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ރާއްޖެ އޮތީ ކުޅުނު ދެ މެޗުންވެސް ބަލިވެ ގްރޫޕުގެ ފުލުގައެވެ.
ނަމަވެސް މިއީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށްފަހު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ކޮލިފައިން މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އޭނާ ކޯޗުކަމާ ހަވާލުވީ ރާއްޖެއަށްވުރެ އެތައް ދަރަޖައެއް ފަހަތުގައި އޮތް އީސްޓް ޓިމޯ އަތުން ކޮލިފައިންގައި ރާއްޖެ 1-0 ގެ ނަތީޖާއަުން ބަލިވުމުން ކޯޗު އަލީ ސުޒެއިން މަގާމުން ވަކިވުމުންނެވެ.
މި މެޗަށްފަހު މި މަހުގެ 14 ވަނަ ދުވަހު މި ދެ ގައުމު ގައުމީ ފުޓްބޯޅަ ދަނޑުގައިވެސް ބައްދަލުކުރާނެއެވެ.