ޚަބަރު

ހަނގުރާމަ ހުއްޓުވުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފި


  • މި ކޮންފަރެންސް އޮތީ އުރުދުންގެ ވެރިރަށް އައްމާންގައި މިމަހުގެ 7 އިން 9އަކަށް

  • ރަޢީސުލްޖުމްހޫރިއްޔާ ސިއްހީދާއިރާއަށް ދެއްވާ އަހަންމިއްޔަތު ވަނީ ފާހަގަކޮށްފައި

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަށް އިސްލާމީ ޤަޢުމުތައް ގުޅިގެން، އެކުގައި މަސައްކަތްކުރުމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ގޮވާލައްވައިފިއެވެ. ޞިއްޙީ ވަޒީރު މިކަމަށް ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ޞިއްޙީ ވަޒީރުންގެ 8ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އޯއައިސީގެ ޞިއްޙީ ވަޒީރުންގެ 8ވަނަ ބައްދަލުވުން ކުރިއަށްދިޔައީ މިމަހުގެ 7އިން 9އަށް އުރުދުންގެ ވެރިރަށް އައްމާންގައެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މިކޮންފަރެންސްގައި ޤައުމުތަކުގެ އިސްވެރިންނާއި ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ބައްދަލުކުރައްވައި ޞިއްޙަތާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމްވަނީ ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

ވަޒީރު ވިދާޅުވީ މިކުރިއެރުންތަކަކީ ވަރަށް ގިނަ ބަޔަކު ގިނަ ދުވަހު ކޮށްފައިވާ ބުރަ މަސައްކަތްކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައިވަނީ މިހާރުގެ ރަޢީސުލްޖުމްހޫރިއްޔާ ޞިއްޙީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. މީގެއިތުރުން، މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައަށް އަލިއަޅުއްވާލައްވަމުން ޞިއްޙީ ވަޒީރުވަނީ މިހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަށް އިސްމާލީ ޤަޢުމުތައް ގުޅިގެން، ހުރިހާ ޤައުމަކުން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

އޯއައިސީގެ ޞިއްޙީ ވަޒީރުންގެ 8ވަނަ ބައްދަލުވުމަކީ އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ޞިއްޙީ ޙާލަތު ދެނެގަނެ، އޯއައިސީގެ ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަންގެ ލަނޑުދަނޑިތައް ހާސިލުކުރެވިފައިވާ މިންވަރު ބަލައި ކުރިއަށް އޮތް 10 އަހަރުގެ ސްޓްރެޓީޖިކް ޕްރޮގްރާމް އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ. މިބައްދަލުވުން މެދުވެރިކޮށް އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅާނެއެވެ.

އޯއައިސީގެ ޞިއްޙީ ވަޒީރުންގެ ބައްދަލުވުން އެންމެފަހުން ބޭއްވީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީގެ ވެރިރަށް އަބޫދާބީގައެވެ.