އަސާސީ ޚިދުމަތްތައް ޤާއިމުކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އާބާދީގެ ކުޑަ ބޮޑުމިނަށް ބަލައި ތަފާތުކުރުން ނުގެންގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެކަން އެމަނިކުފާނު ދާދިފަހުން އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވެސް ވަނީ ހާމަވެގެންގޮސްފައެވެ.
އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފެށުމުގެ އިތުރުން އެތައް މަޝްރޫޢެއްގެ މަސައްކަތް ކުންފުނިތަކާ ވަނީ ޙަވާލުކޮށްފައެވެ. އަދި އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށްރަށަށް އެންމެ ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވާ، މުޅި އަތޮޅަށް ކުރިއެރުން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ދެއްވާފައެވެ.
ރައްޔިތުންގެ ގާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން އދ. އަތޮޅަށް މިމަހުގެ 6 އިން 8 އަކަށް ކުރެއްވި ދަތުރުފުޅުގައި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަނީ ވަޑައިގެންފައެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 10 ރަށް އޮތްއިރު، މުޅި އަތޮޅުގެ އާބާދީ 14،000 އަށްވުރެ މައްޗަށް އަރައެވެ. މިއީ ރާއްޖޭގެ ނިސްބަތުންވެސް ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ސަރަޙައްދެވެ.
ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅަށް ކުރެއްވި 3 ދުވަހުގެ މި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ދުވަހު 5 ރަށަކަށް ވަނީ ވަޑައިގެންފައެވެ. އެއީ ދަނގެތި، ދިގުރަށް، ދިއްދޫ، ފެންފުށި އަދި މާމިގިއްޔެވެ. ދެވަނަ ދުވަހު އެމަނިކުފާނު ވަޑައިގަތީ ހަންޏާމީދޫ، އޮމަދޫ، އަދި އަތޮޅުގެ ވެރިރަށް މަހިބަދޫއަށެވެ. ފަހު ދުވަހު އެމަނިކުފާނު ވަޑައިގަތީ ކުނބުރުދޫ އަދި މަންދޫއަށެވެ.
މި ދަތުރުފުޅުގެ ތެރެއިން އދ. އަތޮޅުގެ ރަށްރަށުގައި ސަރުކާރުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން 30 އަށްވުރެ ގިނަ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވެއެވެ. އަދި 15 މަޝްރޫޢެއްގެ އަމަލީ މަސައްކަތްކުރުމަށް އެކި ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.
މީގެ ތެރޭގައި ސިއްޙީ މަރުކަޒުތަކާއި ސްކޫލުތަކުގެ ޖާގަ އިތުރުކުރުމަށް ހިންގާ މަޝްރޫޢުތަކާއި، ކައުންސިލްތަކުގެ އައު އިމާރާތްތަކާއި، ޕޮލިސް ޕޯސްޓުތައް ޤާއިމުކުރުމާއި، މަގުހެދުމާއި، ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދިނުން ހިމެނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން އދ. އަތޮޅުގެ 4 ރަށެއްގައި ބީއެމްއެލްގެ ފަރާތުން ބަހައްޓާފައިވާ އޭޓީއެމްތައް ހުޅުވާފައިވާއިރު، މިއާއެކު މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތްވަނީ ފުޅާވެގެންގޮސްފައެވެ.
ހަމައެހެންމެ މަހިބަދޫގައި ފެށި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަދުވެގެން މީހުން ދިރިއުޅޭ އެއްރަށުގައި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތާއި ޕާސްޕޯޓުގެ ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުފުޅު ވަނީ ފުރިހަމަކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން އެންމެ ޚާއްސަކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅުކަމަށްވާ މާފަރުފަޅު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
މަހިބަދޫގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ މާފަރުފަޅު އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކޮށްދެއްވުމަކީ ރައީސްގެ ވަޢުދުފުޅެކެވެ. އެގޮތުން އެ ފަޅު އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ދެމެދު މިދަތުރުފުޅުގައި ވަނީ ސޮއިކޮށްފައެވެ. އަދި މި މަޝްރޫޢުގެ ދަށުން 67 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ މަހިބަދޫގެ އިތުރުން މުޅި އަތޮޅުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ހިންގޭ މުހިންމު މަޝްރޫޢެއްކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތަކާއި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކާވެސް މިއީ މުހިންމު މަޝްރޫޢެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެކަމަށާއި، ބިން ހިއްކުމުގެ މަސައްކަތް 10 މަސްތެރޭ ނިންމާ، އެތަނުގައި ދެން ހިންގަންޖެހޭ ތަރައްޤީގެ މަޝްރޫޢުތައް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ބަންޑުވޯލް ޖެހުމުގެ މަސައްކަތް 2 މަސްތެރޭ ނިމޭނެ. އެއަށްފަހު ވެލި އެޅުމާއި ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން ގިނަވެގެން 10 މަސް ދުވަހުގެ ތެރޭގައި 67 ހެކްޓަރުގެ ބިން ހިއްކާ ނިންމާ ރައްޔިތުންނާ ޙަވާލުކުރެވޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ އދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި، މުއައްސަސާތަކުގެ ވެރިންގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރައްވާ، ރަށްރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން އޮޅުންފިލުއްވާ، އެކަންކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ވަނީ ހިއްސާކުރައްވާފައެވެ.
ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރު ޙަވާލުވިއިރު އެރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަވަސްކޮށްދެއްވާ، މި ސަރުކާރުން ހިންގާ މަޝްރޫޢުތައްވެސް ނުހުއްޓި ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށްރަށުގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެކަމުގެ ޔަޤީންކަން އަތޮޅުގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ދެއްވާފައެވެ.