ޚަބަރު

އެއްބަސްވުމާ ޚިލާފުވާ ފަރާތްތަކުގެ ފްލެޓްތައް ނެގުމުގެ މަސައްކަތްދަނީ ކުރަމުން: ވަޒީރު ޑރ.މުއްޠަލިބު


  • މިއީ ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަންކަން ފާހަގަކުރެއްވި

  • އެއްބަސްވުމާ ޚިލާފަށް ކުއްޔަށްދީފައިވާ ތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުން ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް، އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލޭގައި އެފްޑީސީން ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ބައެއް ފަރާތްތަކުން އިއުލާންކުރަމުންދާ ދަނޑިވަޅެއްގައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތައް ލިބުނު ބައެއް މީހުންގެ ފްލެޓުތައް ކުއްޔަށް ދިނުމަށް މީސް މީޑިއާގެ ބައެއް ޕޭޖްތަކުގައި ދަނީ އިޝްތިހާރުކުރަމުންނެވެ. އެގޮތުން 3 ކޮޓަރި ހިމެނޭ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދިނުމަށް ބައެއް ޕޭޖްތަކުގައި ޖަހާފައިވެއެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަންކަމަށެވެ.

ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ޕޯސްޓުގައި ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ބޮޑެތި މަހުޖަނުންނަށް ވުމަށް ފުރުސަތު ދިނުމަކީ ނިކަމެތިންގެ އަސާސީ ޙައްޤުތަކުން މަޙްރޫމްވާނެ ކަމެއް ކަމަށް ޢާންމުން ދަނީ ފާހަގަކުރަމުންނެވެ.

ފަހި ދިރިއުޅުމުން ދޫކުރި ފްލެޓްތައް މިހާ އަވަހަށް ކުއްޔަށް ދޫކުރަން ޖަހާފައިވާއިރު ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތައް ވެސް ދަނީ ބޮޑު އަގުގައި ކުއްޔަށް ދޫކުރަމުންނެވެ. ހިޔާގެ ކުއްޔަށް މެއިންޓެނަންސް އާއެކު މިހާރު ދައްކަން ޖެހޭ މިންވަރު 4984ރ. އަށް ކުޑަކޮށްފައިވާއިރު އެތަންތަން 15،000ރ. އާއި 18،000ރ. އަށް ވެސް ކުއްޔަށް ދޫކުރަމުން އެބަދެއެވެ.