ކުޅިވަރު

ރާއްޖެ ކޮޅަށް ދެ ލަނޑަށްވުރެ ގިނައިން ޖެހޭނެ: ތަޖިކިސްތާން ކޯޗު


ބުރާސްފަތި ދުވަހު އަމިއްލަ ދަނޑުގައި ރާއްޖެ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، އެ މެޗުގައި ގިނަ ލަނޑުތަކެއް ޖެހޭނެ ކަމަށް ތަޖިކިސްތާނުގެ ކޯޗު ގޯރާން ސްޓެވަންކޮވިޗް ބުނެފިއެވެ.

އޭނާ މިހެން ބުނީ މި ދެ ގައުމު އަންގާރަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ކޯޗު ބުނީ ފުރަތަމަ މެޗުގައި ގިނަ ފުރުސަތުތަކެއް ނަގާލެވުމުން ގިނައިން ފަރުތަކުރީ އެޓޭކްތައް ރަނގަޅު ކުރަން ކަމަށެވެ.

"ފުރަތަމަ މެޗުގައި ރާއްޖެ ދެ ގޯލު ޖެހުމަކި ކުޑަކޮށް ނުތަނަވަސްވި ކަމެއް. ސަބަބަކީ އަހަރުމެންނަށް ވަރަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިފައިވުން. އަހަރުމެންނަށް ވަރަށް ގިނަ ފުރުސަތުތައް ގޯލަކަށް ބަދަލުކޮށް ނުލެވުނު. މިހެންވެ އަހަރުމެން މި މެޗަށް ތައްޔާރުވާން އެންމެ މުހިންމުކޮށް ކުރި ކަމަކީ ވެސް އެޓޭކިން ޑިޕާޓްމަންޓްގައި ހުރި އުނިކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުން،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ އަމިއްލަ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ތަޖިކިސްތާން ޓީމުގެ އެހެން ޑިޕާޓްމަންޓްތަކުގައި ވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުރި ކަމަށެވެ.

"އަހަރެންނަށް ޓީމާއެކު ފަރިތަކުރަން ލިބުނީ އެންމެ ތިން ދުވަސް. މިހެންވެ އެހާ ކުރު މުއްދަތަކުން ކަންކަން ރަނގަޅު ނުކުރެވޭނެ. އެކަމަކު މެޗުގައި އަހަރެންނަށް ފެނުނު ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ރަނގަޅު ކަންކަން. އެހެންވީމާ މަޑުމަޑުން ކަމަކަށްފަހު ކަމެއް ރަނގަޅު ކުރެވެމުންދާނީ،" މިދިޔަ މަހު ފަހުކޮޅު ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.

ތަޖިކިސްތާން ޓީމު އަންގާރަ ދުވަހުގެ މެޗަށް އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އެ ޓީމުގެ ފުރަތަމަ ޕްރެކްޓިސް އިއްޔެ ވަނީ މާފަންނު ޓާފް ދަނޑުގައި ކުރިއަށް ގެންގޮސްފަ އެވެ.

މި މެޗަށް ނުކުންނައިރު ރާއްޖެ އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގަ އެވެ. އެއްވަނާގައިވަނީ ޖުމުލަ ހަތް ޕޮއިންޓް ލިބިގެން ތަޖިކިސްތާނެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އީސްޓީމޯރާއި ފިލިޕީންސެވެ.

ތަޖިކިސްތާނު މެޗަށް ތައްޔާރުވުމަށާއި ގައުމީ ޓީމަށް ތަރުހީބު އިތުރު ކުރުމަށް އެފްއޭއެމުން ވަނީ މަސައްކަތް ފަށައިފަ އެވެ. މި ގޮތުން އިއްޔެ ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ. މި ހަރަކާތުގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.