ޚަބަރު

ހިޔާވެހި ސްކީމް: ގެދޮރު ބިނާކުރަން 839 މީހުންނަށް ފައިސާ ދޫކޮށްފި


  • ފުރަތަމަ ބުރުގައި 891 މީހުންނަށް މާލީ އެހީތެރިކަން ދޭނެ

  • މިހާތަނައް 1.08 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައި

ގެދޮރު ބިނާކުރުމަށް ދޫކުރާ "ހިޔާވެހި" ފައިނޭންސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 839 މީހަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

"ހިޔާވެހި" ސްކީމުގެ ފުރަތަމަ ބުރުގައި 891 މީހުންނަށް މި ޕްރޮގްރާމުގެ ތެރެއިން މާލީ އެހީ ދޫކުރުމަށް ވަނީ ނިންމާފައެވެ.

ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ހިިޔާވެހި ފައިނޭންސިންގ ސްކީމުގެ ދަށުން މިހާތަނަށް ބޭންކުން ފައިނޭންސް ދޫކުރުމަށް އެޕްރޫވްކޮށްފައިވަނީ ޖުމްލަ 839 ފަރާތަކަށްކަމަށެވެ. އެއީ 1.08 ބިލިޔަން ރުފިޔާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

3 ބަޔަކަށް ފައިސާ ދޫކުރާއިރު އޭގެތެރޭގައި ހިމެނެނީ ފަހިމާލެ ސްކީމަށް އެޕްލިކަންޓަކަށް 6-10 މިލިޔަން، ސަހަރު ސްކީމަށް 3 މިލިޔަން އަދި ރަށްވެހި ސްކީމަށް 1 މިލިޔަން ރުފިޔާއެވެ. މިހާތަނައް ރަށްވެހި ސްކީމައް 1329 އެޕްލިކޭޝަން، ސަހަރު ސްކީމައް 586 އެޕްލިކޭޝަން އަދި ފަހިމާލޭ ސްކީމައް 341 އެޕްލިކޭޝަން ލިބިފައިވާކަމަށް ގަދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

"ހިޔާވެހި" ޕްރޮގްރާމުގައި އަހަރަކު 2 ބިލިޔަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެތެރެއިން 1 ބިލިޔަން ރުފިޔާ ސަރުކާރުން ދޫކުރާއިރު، ދެން ހިމެނެނީ ބެންކުން ދޫކުރާ ފައިސާއެވެ.

މިއީ، އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ސްކީމެކެވެ. އަދި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ގެދޮރު ބިނާކުރުމަށް މާލީ ތަނަވަސްކަން ނެތް މީހުންނަށް އެހީވުމަށް ގެދޮރު އަޅަން ބޭންކު ލޯނު ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.