ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ފުރަތަމަ ބުރުގެ ތަމްރީން ފުވައްމުލަކުގައި ފަށައިފިއެވެ. މި ޕްރޮގްރާމްގައި 14 މީހުން ބައިވެރިވެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ އާބާވަތެއްގެ މަސްވެރިކަން ތައާރަފް ކުރުމާއި ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ 2018 ވަނަ އަހަރު ރާއްޖޭގައި ތަޢާރަފު ކުރެވިފައިވާ މަސްވެރިކަމެކެވެ.
ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖެއަށް ތައާރަފްކޮށް ދިވެހިންނަށް މި ބާވަތުގެ މަސްވެރިކަން ކުރާނެގޮތް ދަސްކޮށް ދިނުމަށްޓަކައި މަސްވެރިކަމާބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ އާބާވަތެއްގެ މަސްވެރިކަން ތައާރަފް ކުރުމާއި ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމަށް، އެ ވުޒާރާއިން ކުރިޔަށް ގެންދާ "ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން" ޕްރޮގްރާމް ފަށާފައިވާކަމަށެވެ.
މި މަހުގެ 14އިން ފެށިގެން ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމް ޚާއްސަކޮށްފައި ވަނީ ދެކުނުގެ އަތޮޅުތަކަށެވެ. މީގެއިތުރުން މި ތަމްރީނުގެ ދެވަނަ ބުރު ގދ. ފިޔޯރީގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ތުތި ބޯވަދިލަ މަހުގެ މަސްވެރިކަމަށް އޮންނަ މަޤްބޫލްކަން އިތުރުވަމުންދާއިރު، މިކަމަކީ އެކަމުން ރަނގަޅު ނަފާއެއް ލިބޭ ކަމެއްކަން އެވުޒާރާއިން ފާހަގަކުރައްވައެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތު ކުރުމަށް ސަރުކާރުން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިމަސައްކަތްތަކުގެ ދަށުން ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް އަގު އެއްކުރި މަހުގެ ގޮތުގައި ބޭރު ކުރުމަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި މަސްވެރިކަމުގެ ދާއިރާގައާއި މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ތަފާތު އެކިއެކި ޕްރޮގްރާމްތައް އަންނަނީ ހިނގަމުންނެވެ.