އޮޑި ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށަހަޅާފައިވާ 40އަށްވުރެ ގިނަ މަސްވެރިންނަށް ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި އައިސް ލިބުމުގެ ދަތިކަމާއި، ތެލުގެ އަގު ބޮޑުވުން ހިމެނެއެވެ. މި ދަތިތަކަށް ހައްލެއްް ހޯދައިދިނުމަށްޓަކައި މިހާރު ސަރުކާރުން ދަނީ ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް އޮޑި ދޯނިފަހަރުގައި ގާއިމުކުރުމަށް ލޯނު ދޫކުރަމުންނެވެ.
މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ މުސްލިމާ އިބްރާހީމް ދީދީ ވިދާޅުވީ، ލޮނުފެނުން މަސްފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ގިނަ އޮޑިފަހަރުތަކުން އެދެމުންދާކަމަށެވެ. އެގޮތުން އިތުރު ލުއިތަކާއެކު ލޯނަށް ހުޅުވާލި ފަހުން މިހާތަނަށް 70އަށްވުރެ ގިނަ މަސްވެރިން މިލޯނަށް އެދި ހުށައަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕްރޮޖެކްޓުގެ ދަށުން މި ސިސްޓަމްތައް އެޅުވުމަށް ކުރަމުންދާ މަސައްކަތައް ބަލާއިރުގައި މިހާރު އަޅުގަނޑުމެންގެ އެޕްލިކޭޝަންތައް ރީޗްވެއްޖެ 79އަށްވުރެ މައްޗަށް. ކޮންމެ އެޕްލިކޭޝަން އެއީ އޮޑިއެއް. ދެން މިހާތަނަށް 41އަށްވުރެ ގިނަ އެޕްލިކޭޝަން މިހާރު އަޅުގަނޑުމެން އިންނާނީ އެޕްރޫވްކޮށްލާފަ" ޕްރޮޖެކްޓް މެނޭޖަރ މުސްލިމާ އިބްރާހީމް ދީދީ ވިދާޅުވިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ލޮނުފެނުން މަސްފިނިކުރާ ނިޒާމު ޤާއިމުކޮށް، މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެގޮތް އިތުރަށް މަގުފަހި ކުރުމަށްޓަކައި، އާރްއެސްޑަބްލިއު ފައިނޭންސިންގ ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައްވެސް ލުއިކޮށްފައެވެ.
އެގޮތުން ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ބަލާ ކްރެޑިޓް ހިސްޓްރީ މިންގަނޑު 3 މަސް ދުވަހަށް ވަނީ ކުޑަކޮށްފައެވެ. މީގެ ކުރިން މި މުއްދަތު ބަލަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލައި 100،000 (އެއް ލައްކަ) ރުފިޔާއިން ފެށިގެން 2،000،000 (ދެމިލިޔަން) ރުފިޔާއާ ހަމައަށް ލޯނުދޫކުރާނެއެވެ. މީގެކުރިން ހުޅުވާލި ފުރުސަތުތަކާއި ޚިލާފަށް އަލުން ހުޅުވާލި ފުރުސަތުގެ ދަށުން، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށް ފުރުސަތުވެސް ދެއެވެ. މިއާއެކު ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރު ލިބޭނެއެވެ.
ސަރުކާރުން ވަނީ މި މަސައްކަތާއެކު އައިސް ހޯދުމަށް މަސްވެރިން ކުރާ ދަތުރުތަކަށް ލުއި ލިބޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް ދެކުނުގެ ގިނަ ދޯނިތަކެއްގައި މި ނިޒާމު ހަރުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ ހުރިހާ މަސްދޯންޏެއްގައިވެސް މި ނިޒާމު ޤާއިމްކުރުމެވެ. އަދި މިއަހަރުގެ މަސްވެރިކަމުގެ ދުވަހުގެ ކުރިން އިތުރު 200 މަސްވެރިންނަށް އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމަށް އިތުރު ލޯނު ޕްރޮގްރާމަކަށް ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އިޢުލާންކުރައްވާފައެވެ.