އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރާއްޖެއާއި ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެކަމަށާއި، ކުޅުންތެރިން ހުޝިޔާރުވެތިބުމަށް އިރުޝާދު ދީފައިވާނެކަމަށް ތަޖިކިސްތާނުގެ ކޯޗު ގޯރާން ސްޓެވަންކޮވިޗް ބުނެފިއެވެ.
އޭނާ މިހެން ބުނީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ސްޓެވަންކޮވިޗް ބުނީ ރާއްޖެއާއި ދެކޮޅަށް ކުޅޭއިރު ރަނގަޅަށް ވިސްނައިގެން ފަހު ވަގުތާއި ހަމައަށް މަސައްކަތްކުރުމަށް ކުޅުންތެރިންނަށް ނަސޭހަތްތެރިވެފަވާނެކަމަށެވެ. ކޮންމެ ގައުމަކަށްވެސް އަނެއް ގައުމުގެ ކުޅުން މިހާރު ފެނިއްޖެކަމަށާއި އިތުރު ސިއްރުތަކެއް ފޮރުވިފައިނުވާނެކަމަށް އޭނާ ފާހަގަކުރިއެވެ.
"ރާއްޖޭގެ ޓީމަށް އަހަރުމެން ވަރަށް ބޮޑަށް އިހުތިރާމުކުރަން. ކުރިއަށް މިއޮތް މެޗަށް އަހަރުމެން ނުކުންނާނީ ކޮންމެފަދަ ނަތީޖާއެއްވެސް ނުކުމެދާނެކަމަށް ބަލައިގެން. ތަޖިކިސްތާނުގައި ކުޅުނު މެޗަށްފަހު ދެ ޓީމުވެސް މިހާރު މިވަނީ އެއްބަޔަކު އަނެއްބަޔަކަށް ފަރިތަވެފަ. ކުރީ މެޗަށްވުރެ މިމެޗު އުނދަގުވާނެކަމަށް ލަފާކުރެވެނީ. މިފަހަރު މި ނުކުންނަނީ ރާއްޖޭގެ ސަޕޯޓަރުންގެ ކުރިމައްޗަށް. ކުޅުންތެރިންނަށް އަހަރެން އިރުޝާދު ދީފަވާނީ ފޯކަސް 100 ޕަސެންޓުގަ ބެހެއްޓުމަށް. ފަހުވަގުތާއި ހަމައަށްވެސް ކުރެވުނު ހިތްވަރު ކުރުމަށް" ކޯޗު ބުންޏެވެ.
ތަޖިކިސްތާނުގެ ކޯޗު ބުނީ މިމެޗަކީ ރާއްޖޭގެ ޓީމަށް ތަފާތު މެޗަކަށްވާނެކަމަށެވެ. އަމިއްލަ ދަނޑުގައި ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެލަން ލިބުމަކީ ކުޅުންތެރިންނަށް ޖޯޝާއި ފޯރި ގެނުވާނެކަމެއްކަމަށާއި، މިސަބަބަށްޓަކައި ރާއްޖޭގެ ގައުމީ ޓީމުން ދައްކުވައިދޭނީ ރަނގަޅު ކުޅުމެއްކަމަށް ގަބޫލުކުރާކަމަށް އޭނާ ފާހަގަކުރިއެވެ.
"ރާއްޖެއިން މިއުޅެނީ އެމީހުންގެ ސަޕޯޓަރުންގެ ކުރިމަތީގައި ގިނަ ދުވަސްތަކަކަށްފަހު އަލަށް ކުޅެން. އެހެންވީމާ ރާއްޖޭގެ ކުޅުންތެރިން ތިބޭނީ ވަރަށް ބޮޑަށް މޯޓިވޭޓްވެފަ. މި ސަބަބާހެދި އަހަންނަށް ޔަގީން މިމެޗު އުނދަގުވާނެކަން ތަޖިކިސްތާނުގައި ކުޅުނު މެޗަށްވުރެ" ކޯޗު ސްޓެވަންކޮވިޗް ބުންޏެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ހުންނަ ކެރަމް ހޯލުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗުވަނީ ރާއްޖެއިން ތަޖަކިސްތާނުގެ ޓީމާއި މެދު ބަހައްޓަމުން އަންނަ އޯގާތެރިކަމާއި ދެމުން އަންނަ މެހެމާނުދާރީ ފާހަގަކޮށް އެކަމަށް ޝުކުރުއަދާކޮށްފައެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ކުޅޭ މެޗަށް ވަގުތު ކުޑަތަންވަމުން އަންނައިރު، ތަޖިކިސްތާނުގެ މުހިންމު ފޯވާޑް ޝަހްރޮމް ޝަމިއޭވްއަށް ވަނީ ދެ ރީނދޫ ކާޑު ހަމަވެ އައި ސަސްޕެންޝަނުގެ ސަބަބުން ދަނޑުން ބޭރުގައި މަޑުކުރަން މަޖުބޫރުވެފައެވެ. ތަޖިކިސްތާނު ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެމުން އަންނަ ޒުވާން ފޯވާޑު މިހާތަނަށްވަނީ ގައުމީ ޓީމަށް 39 މެޗު ކުޅެދީ 9 ގޯލު ޖަހާދީފައެވެ. އޭގެ ތެރޭގައި ތަޖިކިސްތާނުގައި ރާއްޖެ ކޮޅަށް ޖެހި ލަނޑުވެސް ހިމެނެއެވެ.