ށ. ބިލެއްފަހީގައި ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ބިންގާ އަލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ގޮއިދޫއާއި ބިލެއްފަހީގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސިޕީ (ރޓ) އަޙުމަދު ސަޢުދީއެވެ. އަދި ބިލެއްފަހި ކައުންސިލް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
ރައީސް އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެށުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ބިލެއްފަހި އެފްއާރްސީގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވާ 4.56 މިލިއަން ރުފިޔާއަށް 180 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު މި ސެންޓަރުގައި އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ޖިމާއި އެރޮބިކްސް ފަދަ ކަސްރަތުތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.