ޚަބަރު

ފާދިއްޕޮޅާއި އައްޑުއާ ދެމެދު ހިސާބުތަކަށް ވައިޓް އެލަރޓް ނެރެފި


ފާދިއްޕޮޅާއި އައްޑުއާ ދެމެދުގައި ހިމެނޭ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެއްވޭތީ މި ސަރަޙައްދުގެ އަތޮޅުތަކަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރުއްވައިފިއެވެ.

އެއިދާރާއިން މިއަތޮޅުތަކަށް، ވައިޓް އެލާޓް ނެރުއްވީ މިއަދު ހެނދުނު 9:30 ން މެންދުރު ފަހު 2:30 އާ ހަމައަށެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވައެވެ.

މޫސުމާބޭހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާ މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވުން އެކަށީގެންވެއެވެ. އެގޮތުން ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއިދާރާއިން ލަފާކުރައްވައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ޢާންމު ވިއްސާރަކަމަށާއި، މިއީ ތޫފާނެއް ނުވަތަ އެނޫން އެފަދަ ކަމެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ނޫންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވައެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މިހާތަނަށް އެއްވެސް ޙާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަހަރުގެ މިދުވަސްވަރަކީ ޢާންމު ގޮތެއްގައި ރާއްޖެއަށް ވިއްސާރާކުރާ ދުވަސްވަރެކެވެ.