ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސަރަޙައްދުގައި ހުޅަނދު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވެތީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ލަފާކޮށް ރ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައެވެ. ރ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 02:00 ހާހަމައަށްށެވެ.
..White Alert for strong winds and rough seas. pic.twitter.com/kY83bU9FSi
— Maldives Meteorology (@MetMaldives) October 15, 2025
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަަމަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މެދުރާއްޖެއާއި އުތުރުގެ ރަށްރަށަށް މިއަދު ހަވީރުން ފެށިގެން މޫސުން ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ރ. އިފުރަށްށެވެ. އެގޮތުން އިފުރަށް 60 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
އެ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ހުޅަނގާއި، ހުޅަނގުއުތުރުން ދެކުނާއި މެދުރާއްޖެތެރޭ އަތޮޅުތަަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން އެ އިދާރާއިން ވިދާޅުވީ މާދަމާއިން ފެށިގެން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭ ވެހޭ ވަރު މަދުވެގެން ދާނެ ކަމަށާއި، ނަމަވެސް ދެކުނާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ވާނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަންނަ ހަފްތާގެ އަންގާރައާ ހިސާބަށް އާންމުވަޔާއި، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އާންމު ވައި އެންމެ ގަދަވެފައި ވަނީ މ. މިލިއަށްށެވެ. އެގޮތުން މުލިޔަށް 22 މޭލު ބާރުމިނުގައި ވައި ގަދަވެފައިވެއެވެ.
އެ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ވަކިން ހާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
ވައިގަދަވެ ކަނޑުތައްގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.