ޚަބަރު

މިލަންދޫ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށައިފި


  • މި މަޝްރޫޢު ކުރިއަށްގެންދަނީ އެމްޓީސީސީއާ ޙަވާލުކޮށްގެން

  • މިއީ 30 އެނދުގެ ހޮސްޕިޓަލެއް

ށ. މިލަންދޫ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިލަންދޫ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިލަންދޫގައި އިމާރަތްކުރާ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި މަޝްރޫޢުއަކީ 110.87 މިލިޔަން ރުފިޔާއަށް 600 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

2,078 މީހުންގެ އާބާދީއެއް އޮންނަ މިލަންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ޞިއްޙީ ޚިދުމަތް ރަށުގައި ރަނގަޅުވެގެން ދިއުމެވެ. އެގޮތުން މިލަންދޫ ހޮސްޕިޓަލްގެ މަސައްކަތް ނިމުމާއެކު ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފުޅާވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާޢީ ގޮތުން ރަށަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ، 38,087 އަކަފޫޓުގެ ސަރަހައްދެއްގައި 30 އެނދު ހިމެނޭ 2 ފަންގިފިލާގެ ޢިމާރާތެއް ތަރައްޤީކުރާނެއެވެ.

މީގެ އިތުރުން 2,563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ، އެހެނިހެން ޚިދުމަތްތައް ދިނުމަށް ޚާއްސަކޮށް އިމާރާތެއް ބިނާ ކުރެ ވޭނެއެވެ. އަދި 3,573 އަކަފޫޓުގެ ސަރަހައްދެއްގައި މުވައްޒަފުން ތިބުމަށް ޚާއްސަކޮށް، 2 ފަންގިފިލާގެ އިމާރާތެއްވެސް ބިނާ ކުރެވޭނެއެވެ.