ޚަބަރު

ޅައިމަގު ކަރަންޓުގެ މައްސަލަ ހައްލުކޮށް، ޞިއްޙީ ޚިދުމަތް ފުޅާކޮށްދޭނަން: ރައީސް


  • ސިއްޙީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ވިދާޅުވި

  • ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށްވެސް ވިދާޅުވި

ށ. ޅައިމަގަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދީ، ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޅައިމަގުގެ ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޅައިމަގުގެ ތަރައްޤީއަށްވެސް ކުރަން ހުރި މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން ފިޓްނެސް އެޑް ރެކްރިއޭޝަން ސެންޓަރާއި ސިއްޙީ މަރުކަޒާއި ކައުންސިލް އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ތަރައްޤީގެ އެކި މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމަށާއި އެގޮތުން ކުރީ ސަރުކަރުން ހަވާލުކޮށްފައިވާ ކުނިކޮށީގެ މަސައްކަތް ކުރިއަށް ނުދާތީ އެ މަސައްކަތް މިމަހުގެ ތެރޭގައި ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއިން ކުރައްވާނެ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސްކޫލުގެ އައު އޮފީސް އިމާރާތް ތަރައްޤީކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށެވެ. އަދި ފުޓްސަލް ދަނޑު މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށާއި، އަންނަ އަހަރު ސްވިމިންގ ޓްރެކެއް ތަރައްޤީކޮށް، ފުލުހުންގެ އަމިއްލަ އިމާރާތެއްގެ މަސައްކަތްވެސް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

"ސްކޫލްގެ އައު އިމާރަތުގައި ލައިބްރަރީ، ސައިންސް ރޫމް، ހެލްތް ރޫމް ހިމެނޭނެ. އެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާން. އަންނަ އަހަރު އެ މަޝްރޫއު ވީހާވެސް ކުރީކޮޅު ފަށާނަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިއްޙީ މަރުޒަކުގެ އައު އިމާރާތް ކުރާއިރު ޚިދުމަތް 16 ގަޑިއިރަށް ބަދަލުކުރާނެކަމަށެވެ. އަދި އައު އިމާރަތް ތަރައްޤީ ކުރަނީ 4 އެނދާއި ލެބޯޓަރީ އެހެނިހެން ވަސީލަތްތައް ހިމަނައިގެންކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެތަން މި ހަދަނީ 4 އެނދުގެ ވޯޑަކާއި ނާރސް ސްޓޭޝަން، ލެބޯޓަރީ ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް، ގަރާޖުވެއް ހިމެނޭ ގޮތަށް." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހޭންޑް ބޯލް ކޯޓުގެ މަސައްކަތާއި ބަނދަރަށް ދިމާވެފައިވާ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމަށެވެ. އަދި ޅައިމަގަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ތަރައްޤީ ކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މިއަހަރާއި ކުރިއަަށް އޮތް 3 އަހަރަށް ބަހާލައިގެން އެ މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ޅައިމަގުގައިވެސް ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.