ޚަބަރު

ހައްދުފަހަނަ އެޅުމުގެ ނުރައްކަލުން ރައްކާތެރިވުމަށް ޚާއްސަ ސިމްޕޯސިއަމެއް


  • ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ސައުދީ އަރަބިއްޔާގެ އިލްމުވެރިން

  • މިއީ ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ ޕްރޮގްރާމއް

  • ފުރަތަމަ ސެޝަންގައި 80 ބައިވެރިން ބައިވެރިވެފައިވޭ

ހައްދުފަހަނަ އެޅުމުގެ ނުރައްކަލުން ރައްކާތެރިވުމަށް، ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ސިމްޕޯސިއަމެއް ބާއްވައިފިއެވެ.

މިއީ، އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ކުރިއަށްގެންދިޔަ ސިމްޕޯސިއަމްއެކެވެ.

އިސްލާމީ ޤައުމުތަކުގެ އަސްކަރިއްޔާތައް ގުޅިގެން ސަޢޫދީ ޢަރަބިއްޔާގައި ގާއިމްކޮށްފައިވާ އިސްލާމިކް ކައުންޓަރ ޓެރަރިޒަމް ކޯލިޝަނާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ކުރިއަށްގެންދިޔަ މި ސިމްޕޯސިއަމް ބާއްވާފައިވަނީ މިމަހުގެ 15 އިން 16 އަށެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަންގައި، ސަލާމަތީ އަދި ތަންފީޒީ އިދާރާތަކާއި ތައުލީމީ ދާއިރާގެ 80 ބައިވެރިން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ޝަރަފްވެރިކޮށްދެވޭ ވާހަކަދައްކަވަމުން ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އާއިޝަތު ސަފޫރާ ވިދާޅުވީ، އިސްލާމިކް ކައުންޓަރ ޓެރަރިޒަމް ކޯލިޝަންއާ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ތެރެއިން މުހިންމު މަޢުލޫމާތުތަކެއް އުނގެނި، އެއަށް އަމަލުކުރާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިލްމުވެރިން އެމީހުންގެ ތަޖުރިބާ އަޅުގަނޑުމެންގެ ލޯކަލް ފެސިލިޓޭޓަރުންނާ ހިއްސާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. އެބޭފުޅުންގެ ބައިވެރިވުން ހަނދާންކޮށްދެނީ ހަރުކަށި ފިކުރާއި ދެކޮޅަށް ކުރާ ހަނގުރާމައަކީ އެއް ޤައުމެއްގެ މަސައްކަތެއް ނޫންކަން. އެއީ ސުލްހައާއި މެދުމިނާއި އޯގާތެރިކަމަށް އަގުދޭ އެންމެން ހިއްސާކުރާ ޖަމާޢަތުގެ އަޚްލާޤީ ވާޖިބެއްކަން. މި ޙަރަކާތުގެ މަޤްޞަދުތައް ތަމްރީނު ދިނުމާއި ނުވަތަ ހޭލުންތެރިކުރުމުގެ އިތުރުން ވެސް ކުރިއަށްދެއެވެ. އެއީ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަކީ ކޮންބައެއްކަން ކަނޑައަޅާ އަޚްލާޤީ، މަދަނީ އަދި ތަޢުލީމީ ޒިންމާއެއް". އާޢިޝަތު ސަފޫރާ ވިދާޅުވިއެވެ.

އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނަކީ 43 އިސްލާމީ ޤައުމެއްގެ އަސްކަރިއްޔާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގައި އުފައްދާފައިވާ ކޯލިޝަނެކެވެ. މި ކޯލިޝަނުން އަންނަނީ މެމްބަރު ޤައުމުތަކުގައި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ޤާބިލްކަން އިތުރުކުރުމުގެ ތަފާތު ޕްރޮގްރާމުތައް ކުރިއަށްގެންދަމުންނެވެ.

އެގޮތުން ހައްދުފަހަނައެޅުމުގެ ނުރައްކަލާ ކުރިމަތިލުމަށް ދީނީ ޢިލްމުވެރިންގެ ޤާބިލުކަން އިތުރުކުރުމަށާއި، މީޑިއާގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ހޭލުންތެރިކުރުވުމަށާއި، ތައުލީމީ ދާއިރާގެ ބޭފުޅުންގެ ޤާބިލުކަން އިތުރުކުރުމަށް ޕްރޮގްރާމުތަކެއް މިއަހަރު ތެރޭ ހިންގާފައިވެއެވެ.