ޚަބަރު

އެމްއެންޔޫއިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗު އިންޓާންޝިޕް ފުރިހަމަކޮށްފި


  • އިންޓަރންޝިޕް ފުރިހަމަކޮށްފައިވަނީ 20 ދަރިވަރުން

  • އިލްމީގޮތުން ލިބިފައިވާ މަޢުލޫމާތު އަމަލީ މައިދާނުގައި ބޭނުންކުރުމުގެ ތަޖުރިބާ ފޯރުކޮށްދީފައިވޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫއިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗުގެ 20 ދަރިވަރުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި އިންޓާންޝިޕް ފުރިހަމަކޮށްފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، މި އިންޓާންޝިޕްގެ މުއްދަތުގައި ބަލިމީހުންނަށް ފަރުވާދިނުމާއި، ކުއްލި ޙާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމާއި، އަދި އަމަލީ ތަޖުރިބާ ހޯދުމުގެ ތެރެއިން ދަރިވަރުންގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށްފައިވާކަމަށެވެ. އަދި މި މުއްދަތުގައި އިލްމީ ގޮތުން ލިބިފައިވާ މަޢުލޫމާތު އަމަލީ މައިދާނުގައި ބޭނުންކުރުމުގެ ތަޖުރިބާ ފޯރުކޮށްދީފައިވާކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ޑޮކްޓަރުންނަށް އިންޓަރންޝިޕްގެ މުއްދަތުގައި އިރުޝާދު ދެއްވި އެންމެހާ ކޮންސަލްޓަންޓުންނާއި، ކްލިނިޝަނުންނާއި، އަދި އެހެނިހެން އެހީތެރިންގެ ދައުރު ފާހަގަކޮށް، އެ ފަރާތްތަކުގެ އެހީތެރިކަމާއި އިރުޝާދަކީ މި ދަރިވަރުން މިހާ ކާމިޔާބު ކަމާއެކު އިންޓާންޝިޕް ފުރިހަމަ ކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެއްކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.


މި ދަރިވަރުން މިހާރު ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި މަސައްކަތްކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އަދި މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށާއި، މިދަރިވަރުންގެ ފަރާތުން ރާއްޖޭގެ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާވެ، ކުރިއަރައިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

މެޑިކަލް އިންޓާންޝިލް ޕްރޮގްރާމަކީ ޑޮކްޓަރުކަން ކިޔަވައިންގެ ރާއްޖެ އަންނަ ދަރިވަރުން އަދި ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވާ ކުދިން ކިޔަވާ ނިންމާ ދާއިމީ ޚިދުމަތަށް ނިކުތުމުގެ ކުރިން، މަސައްކަތްކަތުގެ މާޙައުލަށް އަހުލުވެރިވުމަށް ފުރިހަމަކުރާ 1 އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމެކެވެ. މިއީ ޑޮކްޓަރުކަން ކުރުމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ މަރުހަލާއެކެވެ.

ނަމަވެސް މިހާރު އުސޫލުއޮތްގޮތުން، މެޑިކަލް އިންޓާންޝިޕް ހެދެނީ ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މީގެ ސަބަބުން، އިންޓަރންޝިޕަށް ފުރުޞަތު ހޯދަން ދަތިވުމާއި އަދި ކިޔަވާ ނިންމާ މާލޭގައި އިތުރު 1 އަހަރު މަޑުކުރަންޖެހުމުގެ ޝަކުވާތައްވެސް ކުރިމަތިވެއެވެ.

މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު މިވަނީ އިތުރު ހޮސްޕިޓަލުތަކާއި އަތޮޅުތަކުގައިވެސް މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ. އެގޮތުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރެވޭގޮތަށް ސިއްޙީ ވުޒާރާއިން މިހާރު ވަނީ ހަމަޖައްސާފައެވެ.