ޚަބަރު

ޕާމާ އިތުރު ހަ ހަފުތާއަށް ކުޅުމާ ދުރަށް


ޗެލްސީގެ މިޑްފީލްޑަރު ކޯލް ޕާމާ އިތުރު ހަ ހަފުތާއަށް ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް އެ ކުލަބުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މަރެސްކާ ބުނެފައިވަނީ ޕާމާ އަށް ކުޅުމުގެ ތެރެއަށް އަލުން އާދެވޭނީ ކުރިން އޭނާއަށް ބުނެފައިވާ ތާރީޚަށްވުރެ ލަހުން ކަމަށެވެ.

"އަހަރެންނަށް ކުރިން ބުނެވުނީ ރަގަޅަކަށް ނޫން. ޕާމާ އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ އިތުރު ހަ ހަފްތާ ފަހުން." މަރެސްކާ ބުންޏެވެ.

"ޓީމުގެ ޑޮކްޓަރުންނަކީ ޖާދޫ ހަދާ ބައެއް ނޫން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ އޭނާ އެނބުރި އަންނައިރު އެއްކޮށް ރަގަޅު ވެގެން އަލުން ކުޅުމުގެ ތެރެއަށް އައުން." މަރެސްކާ އިތުރަށް ބުންޏެވެ.

އުމުރުން 23 އަހަރުގެ ޕާމާ އަށް ފުރަތަމަ އަނިޔާ ވެފައިވަނީ ޕްރީ ސީޒަންގެ ތެރޭގަ އެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ ޗެލްސީ އަށް ކުޅެފަ އެވެ.

މިދިޔަ ސެޕްޓެމްބަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޕާމާ ކުޅުމާއި ދުރުގައި ހުރިއިރު އޭނާއަށް މި ސީޒަނުގައި ޕްރިމިއާ ލީގުގައި އޭނާ ކުޅެފައިވަނީ އެންމެ ތިން މެޗުގަ އެވެ. ވެސްޓް ހޭމް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ވޯމްއަޕަށްފަހު އޭނާ އެ މެޗުގައި ކުޅެފައެއް ނުވެއެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުގެ 21 ވަނަ މިނިޓުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

އަނިޔާގެ ސަބަބުން އިތުރު ހަ ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު ޕާމާ އަށް ގިނަ މެޗުތަކެއް ގެއްލޭނެ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅޭ މެޗާއި ޕްރިމިއާ ލީގުގައި އާސެނަލްގެ އިތުރުން ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅޭ މެޗު ހިމެނެ އެވެ.