ޚަބަރު

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެއްބަސްވުމެއް


  • ދެވަޒީރުންގެ މަޝްވަރާގައިވަނީ ދެޤައުމުގެ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކުރައްވާފައި

  • ދެޤައުމުގެ ތަރައްޤީއަށް އެކުގައި ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވޭ

ރާއްޖެއާއި މިޞްރާއި ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެޤައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި މިދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ކުރެވުނު މަސައްކަތް ރަސްމީވެގެންގޮސްފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ދެޤައުމު ގުޅިގެން ތަރައްޤީއަށް އެކި ދާއިރާތަކުން މަސައްކަތް ކުރުމާއި ގުޅެގޮތުން ރާއްޖެއާއި މިޞްރާއި ދެމެދު ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާތައް ބާއްވާފައިވާ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު މިހާރު މިޞްރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޚާރިޖީ ވަޒީރު މިޞްރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަނީ މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދެލަތީއާއި ބައްދަލުކުރައްވާފައެވެ. ވަޒީރުންގެ މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދުވަސްވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް ދެޤައުމުގެ ތަރައްޤީއަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި ވަނީ ދެޤައުމުގެ ދެމެދުގައި ސިޔާސީގޮތުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުންވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު، ޑރ.ޢަބްދުﷲ ޚަލީލްއެވެ. އަދި މިޞްރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިސްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދެލަތީއެވެ.

ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް ވަޑައިގަތީ މިދިޔަ ހުކުރު ދުވަހުގައެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ ވަޒީރުގެ މިދަތުރުފުޅާއެކު، ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

ވަޒީރު ޑރ. ޚަލީލްގެ މިދަތުރުފުޅުގައި އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ.