ޚަބަރު

ދަނޑުވެރިޔާ މޯބައިލް އެޕް މިއަހަރު ބޭނުންކުރަން ފެށޭނެ: ވަޒީރު ޑރ. މާރިޔާ


  • ރާއްޖޭގައި 7000 އަށްވުރެ ގިނަ ދަނޑުވެރިން ހަރަކާތްތެރިވޭ

  • ދަނޑުވެރިކަމުގެ ތަފާސްހިސާބު އެއްކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރުން މުހިންމު

ދަނޑުވެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް "ދަނޑުވެރިޔާ" އެޕް މިއަހަރު ބޭނުންކުރަން ފެށޭނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަަޒީރު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ފެހި ދިރުން އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، ކޮންމެ ފަރުދަކަށްވެސް ރައްކާތެރި އަދި ފޯރުންތެރި ކާނާ ލިބިދިނުމަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ސިނާޢަތަކީ އަވަސް ދުވެލީގައި ކުރިއަރަމުން އަންނަ، އަދި ޤައުމުގެ އިޤްތިޞާދަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ ސިނާއަތެއްކަަމަށް ވަޒީރު ވިދާޅުވިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 7000 އަށްވުރެ ގިނަ ދަނޑުވެރިން މަސައްކަތްކުރަމުން އަންނަކަމަށާއި މި ދާއިރާގައި ޚާއްޞަ އެއް ކަމަކީ، މި ސިނާޢަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައީ ހީވާގި ކަނބަލުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިއީ އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. މާރިޔާ ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ތިމާވެއްޓަށާއި އިންސާނުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އަސާސީ މުހިންމުކަމެއްކަމަށެވެ.

މިގޮތުން، އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ޔަޤީންކުރުމަކީ ކާނާގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މައިގަނޑު ބިންގަލެއްކަމަށާއި މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް ސެޓިފިކޭޝަން ނިޒާމަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ރައްކާތެރިކަމާއި، ފެންވަރު އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުން ކަށަވަރުކޮށްދޭ ޤައުމީ މިންގަނޑެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ނިޒާމުގެ ސަބަބުން ދިވެހި ދަނޑުވެރިކަމުގެ ސިނާޢަތަށް އިތުބާރު އިތުރުވެ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. މާރިޔާ ވިދާޅުވީ ދަނޑުވެރިކަން ކުރާ ރަށްރަށުގައި އިންވެސްޓަރުން ހޯދައި، ރަށުގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އަމާޒުކޮށްގެން ޕްރޮޖެކްޓްތައް ހިންގުމާއި، ދަނޑުވެރިކަމުގެ ތަފާސްހިސާބު އެއްކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"'ދަނޑުވެރިޔާ މޯބައިލް އެޕްލިކޭޝަންގެ ބީޓާ ވަރޝަންގެ ޓެސްޓިނ މަރުހަލާ މިހާރު ދަނީ ކުރަމުން. މި މަރުހަލާ ނިމުމާއެކު، މި އަހަރުގެ ތެރޭގައި ދަނޑުވެރިޔާ އެޕްލިކޭޝަން ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށް ބޭނުންކުރެވޭގޮތަށް ޢާންމުކޮށް ހުޅުވާލެވިގެން ދާނެ." ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންތެރި އިރުޝާދަކީ ކޮންމެ ރަށަކުންވެސް ދަނޑުވެރިކަމަށް ޚާއްޞަ ބިންތައް ކަނޑައަޅައި، އަމިއްލައަށް ފުދޭވަރަށް ކާބޯތަކެތި އުފެއްދުމަށް މަސައްކަތްކުރުންކަމަށާއި މި މުހިންމު މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެމުންކަމަށް ވިދާޅުވިއެވެ.

ދަނޑުވެރިންނަށް ބޭނުންވާ މުހިންމު ގިނަ މައުލޫމާތެއް އެއް ތަނަކުން ލިބޭނެ "ދަނޑުވެރިޔާ" ވެބްސައިޓް 2023 ވަނަ އަހަރު ވަނީ އިފްތިތާހުކޮށްފައެވެ.