ޚަބަރު

ގްރީން ސްޓްރީޓްސް އަތުން ބުރު ސްޕޯޓްސްއަށް އުނދަގޫ މޮޅެއް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ބުރު ސްޕޯޓްސް ކްލަބް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ދެ މެޗަށް ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު ކުޅުނު ފުރަތަމަ މެޗު ބުރު ސްޕޯޓްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތްއިރު ބުރު ސްޕޯޓްސް އޮތީ ގްރީން ސްޓްރީޓްސްއަށް ވުރެ އެއް ޕޮއިންޓް ކުރީގަ ހަތަރު ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން އަށްވަނަ ސިކުންތުގައި ބުރު ސްޕޯޓްސްގެ މުޙައްމަދު ނާއިމް ފޮނުވާލި ހަމަލާއެއް ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު އަޙްމަދު ރަމީޒް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ގްރީން ސްޓްރީޓްސްއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ރިލްވާން ވަހީދަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑު ފޮނުވާލުމެވެ. މި ރަތް ކާޑާއެކު ރިލްވާން ދަނޑުން ފޮނުވާލަން މަސައްކަތްކުރި ނަމަވެސް، ކުޅުންތެރިޔާ ވަނީ އެކަމަށް ދެކޮޅު ހަދައި ރެފުރީއާ ވާހަދައްކަން މަސައްކަތްކޮށްފައެވެ.

ރިލްވާން ދަނޑުން ފައިބަން ދެކޮޅު ހެދުމުން ދެން މެޗުގެ ކުޅުން ފެށީ 10 މިނެޓު ފަހުން އޭނާ ދަނޑުން ފޭބުމުންނެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ގްރީން ސްޓްރީޓްސްއިން ފަހަތަށް ފައިބައިގެން، ބުރު ސްޕޯޓްސްއިން ކުރަމުންދިޔަ އެޓޭކުތައް ހުއްޓުވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ.

މި މެޗުގައި ބުރު ސްޕޯޓްސްއިން ޖެހި ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައި އޭރިއާ ތެރެއިން ގާސިމް ތޯއިފް ދިން ބޯޅައެއް، ނާއިމް އަރިމަތީގައި ހުރެ ގޯލުގެ ދުރުކަނަށް އަމާޒުކޮށް ފޮނުވާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ ބުރު ސްޕޯޓްސްއިންނެވެ. އެގޮތުން 49 ވަނަ މިނެޓުގައި ނާއިމް ފޮނުވާލި ހިލޭޖެހުމެއް ކީޕަރު ރަމީޒް ވަނީ ދިފާއުކޮށްފައެވެ.

ގްރީން ސްޓްރީޓްސްއަށް އިތުރަށް މައްސަލަ ގޯސްވެގެންދިޔައީ ކީޕަރު ރަމީޒަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ. އެއާއެކު މި މެޗުގެ ބުރު ސްޕޯޓްސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދެވެ. މެޗުގެ 73 ވަނަ މިނެޓުގައި ޖުނައިދު އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލީ ހުސްކޮށް ހުރެފައެވެ.

އޭގެ ފަހުން ގްރީން ސްޓްރީޓްސްގެ ބިދޭސީ ފޯވާޑް އޮބައިދާ ކާދިމް އަޙްމަދު ފޮނުވާލި ބާރު ބޯޅަ ކީޕަރު މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި ގްރީން ސްޓްރީޓްސްއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އޭރިއާ ތެރެއިން ބޮލުން ޖައްސާލި ބޯޅައެއް ގޯލަށް ވައްދާލައިގެން އޮބައިދާއެވެ.

މި މޮޅާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ބުރު ސްޕޯޓްސްއަށް 7 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ހަތަރުވަނައިގައެވެ.