ޚަބަރު

މާމެންދޫ ބަނދަރު ތަރައްޤީކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް


  • ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މުއްޠަލިބު

ލ. މާމެންދޫ ބަނދަރު ތަރައްޤީކުރުމާއި، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާމެންދޫގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

މި މަޝްރޫޢާއެކު މާމެންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށާއި، މިއީ ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްވެސް މުހިންމު މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.