ޚަބަރު

ޝަރީޢަތުގެ މަޖިލީހުގެ ވާހަކަތަކަށް ފަނޑިޔާރުން ސަމާލުވުމަށް އުއްތަމަ ފަނޑިޔާރު ގޮވާލައްވައިފި


  • ފެމިލީ ކޯޓުގެ ޤާޟީންނަކީ އޯގާތެރި ބަޔަކަށްވާންޖެހޭ

  • ފަނޑިޔާރުން ކޯޓުގެ އެތެރޭ އަދި ބޭރުގައިވެސް ވަކި އަޙްލާޤީ މިންގަނޑެއް ހިފަހައްޓަން ޖެހޭ

މިހާރު ކުރިއަށް ގެންދަނީ ހަޤީޤީ މާނައިގައި ހުޅުވާލެވިފައި ޝަރީޢަތްތަކަށްވާއިރު، ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކަތަކަށް ސަމާލުވާން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފެމިލީ ކޯޓުގެ ދެ ޤާޟީއަކު މަޤާމުގެ ހުވައި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައިއެވެ.

ފެމެލީ ކޯޓުގެ ޤާޟީގެ މަޤާމަށް އައްޔަން ކުރެވުނު އަލްއުސްތާޛު އަޙްމަދު މަޢުޞޫމް އަދި އަލްއުސްތާޛު މުޙައްމަދު ޒާހިދު މަޤާމުގެ ހުއްވާކުރުމުގެ ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ އެ ދެބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ. އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި މަޤާމާއި އަލަށް ހަވާލުވެވަޑައިގެންނެވި ދެ ޤާޟީން ހަވާލުވެވަޑައިގެންނެވީ ބޮޑު މަސްއޫލިއްޔަތަކާއި ކަމަށާއި، އެ މަސްޢޫލިއްޔަތު އަދުލުވެރިކަމާއެކު އަދާކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފެމިލީ ކޯޓުގެ ޤާޟީން ހަވާލުވެވަޑައިގަންނަވަނީ މުޖްތަމަޢުގެ އެންމެ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތާއި ކަމަށެވެ. އަދި އެ ކޯޓުން ބަލާ މަސައްލަތައް ޢާއިލާތަކާއި ގުޅިފައިވާއިރު އެ މައްސަލަތައް ބަލާ ފަރާތްތަކަކީ ކެތްތެރި އަދި އޯގާތެރި ބަޔަކަށްވާންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން އެހެން މީހުން އިޙްސާސްތަކާއި ޖަޒުބާތުތައް ފަހުމުވުމުގެ ކުޅަދާނަކަން ޤާޟީންގެ ކިބައިގައި ހުންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވަނީ، ފަނޑިޔާރަކަށްވީތީ ބައެއް ސިފަތައް ހުންނަންޖެހޭއިރު މިއިން އެއްވެސް ސިފައަކީ ވަކި ސިފަތަކެއްގެ ގޮތުގައި ސުލޫކީ މިންގަނޑުގައި އޮތްނަމަވެސް އެއް ސިފަ އަނެއް ސިފައާއި ގުޅިލާމެހިފައިވާ ސިފަތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ސިފަތަކަކީ ފަނޑިޔާއެއްގެ ޝަޙްސީއްޔަތު ބިނާކުރާ ސިފަތެކެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މި ސިފަތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވަނީ މިހާރު ޝަރީޢަތް ކުރާ މަޖިލީހަކީ ހަޤީޤީ މާނައިގައި ހުޅުވާލެވިފައިވާ ޝަރީޢަތުގެ މަޖީލީހެއް ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާވާހަކައަށް ސަމާލުވުމަށް އުއްތަމަ ފަނޑިޔާރު ވަނީ ގޮވާލައްވާފައެވެ.

"ޝަރީޢަތް ކުރާ މާލަމް ވަކި ވަގުތެއްގައި ބަނދުވިއަސް، މިހާރު ޝަރީޢަތުގެ މަޖިލީސް އަޅުގަނޑުމެންގެ ސިޓީން ރޫމްތަކާއި ހޮޅިއަށިތަކަށް ވަގުތުން ފެނޭ. ދިގުމުއްދަތަކަށް މަންޒަރު ރައްކާކުރެވޭ. އެހެން ކަމުން ޝަރީޢަތުގައި ދިމާވާ ހާލަތަކުން ބުނެވޭ ބަހަކީ މީސްމީޑިއާގައި ވައިރަލް ވެދާނެ. ފަނޑިޔާރު މަޝްހޫރު ވުމަށްވެސް މެދުވެރިވެދާނެ. އެ ބަސް ފަނޑިޔާރު ކަމާއި ނުގުޅޭ މިންގަނޑަކުން ކިރުމުގެ ފުރުސަތު އޮވެދާނެ. އެހެންވީމަ މިފަދަ ކަންކަމަށް ފަނޑިޔާރުން ރައްކާތެރިވާން ޖެހޭނެ " އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަނޑިޔާރުން ކޯޓުން ބޭރުގައި ޢަމަލުތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށްވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން އާންމު ފަރުދަކު ޢަމަލުކުރާ ގޮތަށް ފަނޑިޔާރުން ޢަމަލުކުރުމަށް މުޖްތަމަޢު ބަލައިނުގަންނާނެ ކަންތައްތައް ހުންނާނެކަން ފަނޑިޔާރުން ޤަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އިޖްތިމާޢީ ގުޅުންތައްވެސް ވަކި މިންގަނޑެއްގެ ތެރޭގައި ފަނޑިޔާރެއްގެ ހައިސިއްޔަތު ބެހެއްޓުމަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ކޯޓުގެ ތެރޭގައިވެސް އަދި ކޯޓުން ބޭރުގައި ފަނޑިޔާރުން ޢަމަލުކުރަން ވަނީ ޝްރްޢީ ދާއިރާގެ ހައިބަތާއި ޤަދަރު ދައްކުވައިދޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ފެމިލީ ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް އައްޔަންކުރި ދެ ބޭފުޅުންނަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. މި ރަސްމީއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް އަމްޖަދު މުސްޠަފާ އަދި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޒާ އަދާމް ބައިވެރިވެވަޑައިގެންނެވިއެވެ.