ޚަބަރު

ލ. ގަމަށް ވެވަޑައިގެންނެވި ގިނަ ވަޢުދުތަކެއް ރައީސް ވަނީ ފުއްދަވާދެއްވާފައި: މެންބަރު ޔޫސުފް ނަޝީދު


  • ގަމުގެ ކުނީގެ މައްސަލަ ހައްލުކޮށްދީ، ކަރަންޓުގެ މައްސަލަ ހައްލުކޮށްދީފައިވޭ

  • ލ. ބޮޑުފިނޮޅު، ގަމުގެ އިޚްތިޞާޞްގެ ދަށަށް ބަދަލުކޮށްދީފައިވޭ

ލ. ގަމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ގިނަ ވަޢުދުތަކެއް ފުއްދަވާދެއްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ، ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިިއިރު އިޤުތިޞާދު އޮތީ ދަތި ހާލަތެއްގައި ކަމަށާއި އެ ކަންކަމުން އަރައިގަނެ ޤައުމު ހަމަ މަގަށް އަޅުވާތަން މިއަދު ފެންނަމުންދާ ކަމަށެވެ. އެ ގޮތުން ލ. ގަމަށް ބަލައިލިޔަސް، އެ ރަށަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވަމުންދާ މަންޒަރު ފެންނަމުންދާކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ޔޫސުފް ރަޝީދު ވިދާޅުވީ ގަމުގެ ކުނީގެ މައްސަލަ ހައްލުކޮށްދީ، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޖެންސެޓެއް ރަށަށް ގެނެސްދީފައިވާ ކަމަށެވެ. އަދި ގަމު ކައުންސިލުން އެދުނު ގޮތަށް 2000 އަކަފޫޓުގެ ގޯތި 4000 އަކަފޫޓަށް ބަދަލުކޮށްދިނުމާއި ލ. ބޮޑުފިނޮޅު، ގަމުގެ އިޙްތިޞާޞްގެ ދަށަށް ބަދަލުކޮށްދީފައިވާކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމުން ބަލި މީހުން މާލެ ގެނައުމުގައި މުޅި ލ. އަތޮޅަށްވެސް ބޮޑު ފަސޭހައެއް ލިބިގެން ގޮސްފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ.

"މިހާރު ލ. ގަމުގައި ފެށި މި މަޝްރޫޢުތައް ނިމުމާއެކު ރަށަށް އާރޯކަން ލިބޭނެ ކަމާމެދު ޝައްކެއް ނެތް." މެންބަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ލ. ގަމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގައި އަޅާ ރިހެބިލިޓޭޝަން ސެންޓަރާއި ތުނޑީގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި ގަމު ޓަރޝަރީ ހޮސްޕިޓަލާއި ހައުސިން ޔުނިޓްތަކާއި ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، ކޮންޓްރެކްޓަރަކާ ވަނީ ހަވާލުކޮށްފައެވެ.