ޚަބަރު

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް: މުބާރާތް ހުޅުވާ މެޗުގައި ކުޅުދުއްފުއްޓާއި ނެއްލައިދޫ


  • އެޓޯލް ޗެމްޕިއަންޝީޕް ފެށޭނީ 1 ނޮވެމްބަރުގައި ކުޅުދުއްފުށީ ސިޓީގައި

  • އަތޮޅު މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމުތައް ދަތުރުކުރާނީ ޒޯން މުބާރާތަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު ފަށާ އެޓޯލް ޗެމްޕިއަންޝިޕްގެ މުބާރާތް ހުޅުވާނީ ހދ. ކުޅުއްދުއްފުއްޓާއި ހދ. ނެއްލައިދޫ ބައްދަލުކުރާ މެޗުން ކަމަށް ކަނޑައަޅައިފިއެވެ.

ނޮވެމްބަރު 1 ގައި ފަށާ މި މުބާރާތުގައި ޖުމްލަ 47 ޓީމުން ވާދަކުރާއިރު އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ގުރުއަތުލުން ބާއްވާފައިވަނީ މިއަދު އެފްއޭއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އަތޮޅުތަކާއި ހިސާބުން ފެށިގެން އައިސް އެންމެ ޓޮޕް ލީގަށް ޕްރޮމޯޓްވާނެ ނިޒާމެއް ގާއިމުކޮށް އިއުލާނުކުރި އެޓޯލް ޗެމްޕިއަންޝިޕް ކުރިޔަށް ގެންދަން ނިންމާފައިވަނީ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ.

ޒޯންތައް ބެހިފައިވާ ގޮތް:

1. މާލެ ސަރަހައްދު 2. ހދ ން ޅ އަތޮޅަށް 3. ކ އަތޮޅުން ދ އަތޮޅަށް 4. ތ އަތޮޅުން އައްޑުއާއި ހަމައަށް

އެޓޯލް ޗެމްޕިއަންޝިޕްގައި ދެ ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވެފައިވާނަމަ މެޗުތައް ކުޅޭނީ އެއް ރަށެއްގައެވެ. ދެ ޓީމު ބައިވެރިވެފައިވާނަމަ ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ރަށުގައެވެ.

އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު ޒޯނު ލެވެލަށް ކޮލިފައިވާނެ ކަމަށާއި، އެއީ ރީޖަނަލް ކޮލިފިކޭޝަންގައި ވާދަކުރާނެ ޓީމުތައް ކަމަށް އެފްއޭއެމުން ބުނެއެވެ. ރީޖަނަލް ލީގު ފަށާނީ ރޯދަމަހުގެ ފަހުންނެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ރީޖަނަލް ލީގުގައި އެންމެ މޮޅު ދެ ޓީމަށް ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެއެވެ. ޕްރިމިއާ ލީގުގެ އެންމެ ފުލުގައި އޮންނަ ދެ ޓީމު އެ ޓީމުތަކާއެކު ކޮލިފިކޭޝަން ބުރުގައި ކުޅެން ޖެހޭނެ ގޮތަށް ހަމަޖެހޭނެއެވެ.

އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވީ މިހާރު ޕްރިމިއާ ލީގުގައި އޮތް 10 ޓީމުގެ ތެރެއިން އެންމެ ދަށް ދެޓީމު ދާނީ ދެވަނަ ޑިވިޝަނަށް ކަމަށާއި، އެހެންކަމުން އަތޮޅުތެރެއިން ރީޖަނަލް ލީގުން އަންނަ ޓީމުތަކަށް އަންނަ އަހަރުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓުވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށެވެ.

އަތޮޅު މުބާރާތުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައިވާ ރަށްތައް:

  • މާލެ އަތޮޅުގެ މެޗުތައް - ގުރައިދޫ
  • ހއ އަދި ހދ ގެ މެޗުތައް - ކުޅުދުއްފުށި
  • ނ. އަތޮޅުގެ މެޗުތައް - ކެނދިކުޅުދޫ
  • ޅ. އަތޮޅުގެ މެޗުތައް - ހޯމް އެންޑް އަވޭ
  • ބ އަތޮޅު އެއްޓީމު ބައިވެރިވެފައިވާތީ އޮޓޯމެކުން ކޮލިފައިވެފަ
  • އއ އަތޮޅުގެ މެޗުތައް - ތޮއްޑޫ
  • އދ އަތޮޅުގެ މެޗުތައް - މަހިބަދޫ
  • ވ އަތޮޅުގެ މެޗުތައް - ހޯމް އެންޑް އަވޭ
  • ފ އަތޮޅުގެ މެޗުތައް - ހޯމް އެންޑް އަވޭ
  • ދ އަތޮޅުގެ މެޗުތައް - ހޯމް އެންޑް އަވޭ
  • ލ. އަތޮޅުގެ މެޗުތައް - ހޯސްޓްކުރާނެ ރަށެއް އަދި ކަނޑަނާޅާ
  • ގއ އަތޮޅޫގެ މެޗުތައް - ހޯސްޓްކުރާނެ ރަށެއް އަދި ކަނޑަނާޅާ
  • ގދ އަތޮޅުގެ މެޗުތައް - ގައްދޫ
  • ޏ ފުވައްމުލައް - އެއްޓީމު ބައިވެރިވެފައިވާތީ އެޓޮމެޓިކުން ކޮލިފައިވެފަ
  • ސ އަތޮޅުގެ މެޗުތައް - ހޯސްޓްކުރާނެ ރަށެއް އަދި ކަނޑަނާޅާ

އެފްއޭއެމުން ބުނީ ގުރުއަތުލުމުގައި ތަރުތީބު ކުރެވުނު ގުރޫޕުތަކާއި ވާދަކުރަންޖެހޭ ޓީމުތައް ވަރަށް އަވަހަށް އަންގާނެކަމަށެވެ. އަދި ޝެޑިއުލް އެފްއޭއެމްގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރާނެއެވެ.