ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އައިޔޫއެމްގެ ލާނިން ސެންޓަރުތައް އަތޮޅުތެރޭގެ 5 ރަށެއްގައި ޤާއިމްކުރުމަށް ތައްޔާރުވަމުންއަންނަކަމަށް އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެ ރަށްތަކަކީ، ށ. ފޮނަދޫ ގއ. ވިލިނގިލި ތ.ވޭމަންޑޫ، ނ. މަނަދޫ އަދި ޅ. ހިންނަވަރެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދު ވިދާޅުވީ، އަތޮޅުތަކުގެ 5 ރަށެއްގައި އައިޔޫއެމްގެ ލަރނިންގ ސެންޓަރުތައް ވަރަށް އަވަހަށް ޤާއިމްކުރުމަށް އެ ޔުނިވަރސިޓީން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.
އެގޮތުން، ށ. ފޮނަދޫ ގއ. ވިލިނގިލި ތ. ވޭމަންޑޫ، ނ. މަނަދޫ އަދި ޅ. ހިންނަވަރުގައި އައިޔޫއެމްގެ ލަރނިން ސެންޓަރުތައް ޤާއިމްކުރުމަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ޕީއެސްއައިޕީގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންސެޕްޓް ޑްރޯވިންގ ނިންމުމަށްފަހު، ޑީޓެއިލް ޑްރޯވިންއާއި އަދި ޢަމަލީ މަސައްކަތް ފެށުމަށްޓަަކައި ވާންޖެހޭ ވަރަށް ގިނަ ތައްޔާރީތަކެއް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ވައިސް ޗާންސެލަރ ވިދާޅުވީ، ރަށްރަށުގައި ޤާއިމްކުރާ އައިޔޫއެމްގެ ސެންޓަރުތަކުގައި، ޔުނިވަރސިޓީގެ ކެމްޕަހެއްގައި ހުންނަންޖެހޭ އަސާސީ ހުރިހާ ޚިދުމަތްތަކެއް ޤާއިމްކުރަން ހަމަޖެހިފައިވާކަމަށެވެ.
"އަތޮޅުތެރޭގެ ރަށްރަށުގަ އަޅުގަނޑުމެން މި ޤާއިމްކުރާ އައިޔޫއެމްގެ ލަރނިންގ ސެންޓަރުތަކުގައި، ދަރިވަރުންގެ ދަނާލާއި، ލައިބްރަރީއާއި، ކޮމްޕިއުޓީ ލެބާއި، ދަރިވަރުންގެ ރެކްރިއޭޝަނަލް އޭރިއާއި ހަމަ އޭގެއިތުރުން މިސްކިތަކާއި، ހަމަ ޔުނިވަރސިޓީއެއްގެ ކެމްޕަހެއްގައި ހުންނަންޖެހޭ އަސާސީ ހުރިހާ ޚިދުމަތްތަކެއް ޤާއިމްކުރުމަށް ވަނީ ރޭވިފައި" ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
އަތޮޅުތެރޭގައި އައިޔޫއެމްގެ ލާނިން ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތަކީ، މަތީ ތައުލީމާ މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއާއި ރައީސް އޮފީހާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ވައިސް ޗާންސެލަރ ވިދާޅުވީ، ބައެއް ދާއިރާތަކަކީ ކެމްޕަހަށް ހާޒިރުވެގެން ނޫނީ ކިޔެވުން އުނދަގޫ ދާއިރާތަކެއްކަމަށެވެ.
ވުމާއެކު، ރާއްޖޭގެ ކޮންމެ އަތޮޅެއްގަވެސް ޔުނިވަރސިޓީއެއް ނުވަތަ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއް ގާއިމްކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމާ އެއްގޮތަށް ކުރިއަށްއޮތް ދިރާސީ އަހަރު ނިމޭއިރު ރާއްޖޭގަ ކޮންމެ އަތޮޅެއްގަވެސް ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރެވި، އައިޔޫއެމްގެ މަތީ ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް ރާއްޖޭގެ އެންމެ އާބާދީ ބޮޑު ބައެއް ރަށްތަކުގައި އައިޔޫއެމްގެ ލަރނިންގ ސެންޓަރުތައް ވަނީ ޤާއިމްކޮށްފައެވެ.
އައިޔޫއެމްގެ ކުރިމަގަށް، އެ ޔުނިވަރސިޓީ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންވަނީ ބައެއް ރަށްރަށުގައި އައިޔޫއެމްގެ ލަރނިންގ ސެންޓަރުތައް ޤާއިމްކުރުމުގެ މަޝްރޫޢު އެކި ކުންފުނިތަކާ ހަވާލުކުރައްވާ، އަދި ބައެއް ރަށްރަށުގެ ސެންޓަރުތަކުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާފައެވެ.