"ވަރަ އެކްސްޕޯ 2025"ގައި ދަނޑުވެރިކަމުގެ އަގުއެއްކުރި ތަކެތި ދައްކާލުމަށް ބޭނުންވާ ފަރާތްތަކަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އެފުރުސަތު ހުޅުވާލައިފިއެވެ.
"ވަރަ" އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ޤައުމީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމަށާއި، ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
"ވަރަ އެކްސްޕޯ 2025"ގައި ބައިވެރިވުމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިންވަނީ ނިންމާފައެވެ. އެވުޒާރާގެ ސްޓޯލްގައި ދަނޑުވެރިކަމުގެ އަގުއެއްކުރި ތަކެތި ދައްކާލުމަށް ހަމަޖެހިފައިވާތީ މިފަދަ ތަކެތި ދައްކާލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިންވަނީ އެދިވަޑައިގެންފައެވެ. ދަނޑުވެރިކަމުގެ އަގުއެއްކުރި ތަކެތި ދައްކާލުމަށް ބޭނުންވާ ފަރާތްތަކުން މިކަމަށް އެދި ރަޖިސްޓްރީ ކުރެވެނީ https://forms.office.com/r/MSaz32fF7i މިލިންކް މެދުވެރިކޮށެވެ.
މި އެކްސްޕޯގެ މައިގަނޑު އަމާޒަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ތައުލީމު ހޯދަން ބޭނުންވާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އަދި ފަންނީ ތަމްރީނު ދޭ މަރުކަޒުތައް އެއް މަންސައަކަށް ގެނައުމެވެ.
2024 ވަނަ އަހަރު ކާމިޔާބުކަމާއެކު ބޭއްވި މި އެކްސްޕޯގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، މި އަހަރުގެ އެކްސްޕޯގައި 15،000 އަށް ވުރެ ގިނަ ވަޒީފާ ހޯދާ ފަރާތްތަކާއި، ދަރިވަރުންނާއި، ޕްރޮފެޝަނަލުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ ހުނަރާއި ވަޒީފާގެ އެކްސްޕޯއެވެ.