މުނިފޫހިފިލުވުން

"ނާޝިދުގެ ޓްރިބިއުޓް ޝޯވ" އެސްޓީއޯއިން ސްޕޮންސަރކޮށްފި


ލަވަޔާއި މިއުޒިކާއި ޒުވާނުންނާއި ގުޅޭ ޙަބަރުތަކާއި ވާހަކަތައް ގެނެސްދޭ މަޖައްލާއެއްކަމައްވާ "މިސްކު މޯލްޑިވްސް" މެގަޒިން އިން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒީރޯ ޑިގްރީ ނާޝިދު މިއުޒިކްއަށް ކޮށްދެއްވާ ޙިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ "ނާޝިދު ޓްރިބިއުޓް ޝޯވ" އެސްޓީއޯއިން ސްޕޮންސަރ ކޮށްފިއެވެ. 

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުޙައްމަދު މިހާދާއި މިސްކު މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ރިޢާޔަތު ޢަބްދުލް މާޖިދުއެވެ. އެސްޓީއޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މިހާދު ވިދާޅުވީ، ޒުވާނުންނާ ގުޅުން ހުރި މިކަހަލަ ކޮންމެ ކަމެއްގައި އެ ކުންފުނިން އެހީތެރިކަން ދެމުން ގެންދާނެކަމަށެވެ. އަދި އެސްޓީއޯގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ޒުވާނުންނާ ގުޅޭ ހުރިހާ ކަމެއްގައި އެކުންފުނީގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް މިހާދު ވިދާޅުވިއެވެ. 

ސެޕްޓެމްބަރމަހުގެ އެކާވީސް ވަނަ ދުވަހު ޒީރޯ ޑިގްރީ ނާޝިދަށް ހަދިޔާއެއްގެ ގޮތުން އޮލިމްޕަހުގައި ބާއްވާ މި ޝޯވގައި ރާއްޖޭގެ މިއުޒިކީ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ފަންނާނުން ބައިވެރިވާނެކަމަށް މިސްކް މޯލްޑިވްސްއިން ބުނެއެވެ.