ޚަބަރު

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 4 މީހަކު ހައްޔަރުކޮށްފި


  • މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓާއި ފިލްމް ހުސްކުރި 2 ދަޅު ވަނީ ފެނިފައި

  • އެކެއްގެ ހަށިގަނޑު ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 7 ސެލޯފެން ފެނިފައިވޭ

  • މިތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމް ހުރިކަމަށް ފުލުހުން ބުނޭ

ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމުގެ ތުހުމަތުގައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން 23 އޮކްޓޯބަރުގައި ފުލުހުން ވަނީ އޮޕަރޭޝަންއެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި ލޯންޗެއް ބަލާ ފާސްކޮށް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހި ތަކެއް ފެނުނު މައްސަލައިގައި ވަނީ 4 މީހުން ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވަނީ:
ގއ. ކޮލަމާފުށި، ކައުސަރު/ އުމުރުން 26 އަހަރުގެ ހަސަން ރައްޔާން ރާޝިދު
ގއ. ކޮލަމާފުށި، ސޯސަންގޭ/ އުމުރުން 22 އަހަރުގެ އިސްމާއިލް ހައިޒަމް ހަބީބް
ގއ. ކޮލަމާފުށި، ޝަބްނަމްގޭ/ އުމުރުން 25 އަހަރުގެ އަލީ ޖަނާހް ޖައުފަރ
ގއ. ކޮލަމާފުށި، ލީނާ މަންޒިލް/ އުމުރުން 19 އަހަރުގެ އިބްރާހިމް އަޒާން މުޙައްމަދު

އެމީހުން ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވަނީ އެމީހުން އެ ރަށައް އައި ލޯންޗް ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ މައްސަލައާއި ގުޅިގެންނެވެ. މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓާއި ފިލްމް ހުސްކުރި 2 ދަޅު ވަނީ ފެނިފައެވެ. އެކެއްގެ ހަށިގަނޑު ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 7 ސެލޯފެން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމް ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާއިލް ހައިޒަމްގެ ބަންދަށް 12 ދުވަސް އަދި އަނެއް 3 މީހުންގެ ބަންދަށް 7 ދުވަސް ވަނީ ޖަހާފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.