ޞުލްޙައިގެ ވާހަކަތައް ނާކާމިޔާބުވެއްޖެނަމަ އަފްޣާނިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރަން ޕާކިސްތާން ތައްޔާރު ކަމަށް އެ ޤައުމުން ބުނެފިއެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު މައްސަލަތަކެއް އުފެދި ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރުމަށް ފަހު ދެ ޤައުމުން ޙަމަލާ ބަދަލުކުރުން ހުއްޓާލާފައި ވަނީ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު ޤަޠަރުގެ ދައުޙާގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަކަށް ފަހުގައެވެ. އެ އެއްބަސްވުމުގެ ދަށުން ޙަމަލާ ބަދަލުކުރުން ހުއްޓާލައި، އެއްބަސްވުމާ ގުޅޭ ތަފްޞީލީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެެއް ނިންމުމަށް އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު ބައްދަލުކުރުމަށް އޮތީ ހަމަޖެހިފައެވެ. އެ މަޝްވަރާތައް ތާވަލާ އެއްގޮތަށް އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު ތުރުކީވިލާތުގެ އިސްތަންބޫލުގައި ވަނީ ފަށައިފައެވެ
މިހާރު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފް ވިދާޅުވީ ޙަމަލާ ބަދަލުކުރުން ހުއްޓައިލަން އެއްބަސްވުން ޤާއިމް ކުރި ފަހުން އެއްވެސް ޤައުމަކުން އެ އެއްބަސްވުމާ ޚިލާފުވެފައި ނުވާ ކަމަށެވެ. މިހާރު ކުރިއަށްދާ ތަފްޞީލީ މަޝްވަރާތަކުގައި އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެ ނަމަ އަފްޣާނިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެ ޤައުމުން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަފްޣާނިސްތާނުން ވެސް ބޭނުން ވަނީ ޞުލްޙައާއި އަމާން ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ ފަރާތުގެ ދެމެދުގައި މަައްސަލައެއް އުފެދުނީ، ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ޕާކިސްތާން ސަރުކާރުން ޠާލިބާނުންގެ ސަރުކާރަށް ގޮވައިލުމާ ގުޅިގެންނެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި، އެ ޤައުމުގައި ނިރުބަވެރި އަމަލުތައް ހިންގާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުންނަށް ޠާލިބާން ސަރުކާރުން ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެއެވެ. އެ މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރި ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވެއެވެ.
ނަމަވެސް، ޠާލިބާނުންގެ ސަރުކާރުން މި ތުހުމަތުތައް ދޮގު ކުރެއެވެ. ޠާލިބާނުން ބުނަނީ އެ ތުހުމަތުތަކަކީ އަފްޣާނިސްތާނާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރައި، ސަރަޙައްދީ ރޮނގާ ގުޅޭ ސަރަޙައްދުތައް ހަލަބޮލިކޮށް، ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިސިސްއާ ގުޅުންހުރި ހަނގުރާމަވެރިން ހިމާޔަތްކޮށް، އަފްޣާނިސްތާނުގެ ހަމަޖެހުމާއި އިސްތިގުލާލަށް ބާރު ފޯރުވުމަށް ކުރާ ތުހުމަތުތަކެއް ކަމަށެވެ.