ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީއާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅުތަކެއް އަޅައިފިއެވެ.
އައިސީސީއިން ވަނީ އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ޤާނޫނުގެ ވެރިކަން ހިންގުމަށް ހުރަސް އެޅުަމަށާއި ބައިނަލްއަގުވާމީ ގާނޫނީ ނިޒާމުގެ އަސާސްތަކަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކޮށް، އެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އަދި އެ ނިޒާމު ދިފާއުކުރުމަށްޓަކައި ފިޔަވަޅު އެޅުމަށް، ކޯޓުގެ 125 މެންބަރު ޤައުމަށް އެ ކޯޓުން ވަނީ ގޮވާލައިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އައިސީސީއާ ދެކޮޅަށް މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. މީގެ ކުރިން ވެސް އެ ކޯޓުގެ ބައެއް ޕްރޮސެކިއުޓަރުންނާއި ފަނޑިޔާރުންނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އެ ކޯޓަށް ޚިދުމަތްތައް ދޭ ކުންފުނިތަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅުން އެކަށީގެންވެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް އައިސީސީއިން ފިޔަވަޅު އެޅުމަށް ޓްރަމްޕް ދުވަހަކު ވެސް ފުުރުޞަތު ނުދެއްވާނެ ކަމަށެވެ. އެ ސަބަބަށްޓަކައި އައިސީސީއާ ދެކޮޅަށް އެމެރިކާއިން މިހާރު ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، އެ ކޯޓާއެކު ކުރާ އެންމެހާ މުއާމަލާތްތައް ހުއްޓުވައި، ވަސީލަތްތަކަށް ހުރަސްއަޅައި، ކޯޓު ހިންގުމުގެ ޤާބިލުކަން ނައްތާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ އެމެރިކާއިން އެދޭ ގޮތަށް އައިސީސީއިން ޢަމަލުކުރުމަށް ފުރުޞަތު ދޭ ފިޔަވަޅުތަކެއް ކަމަށާއި، އެ ގޮތަށް ޢަމަލު ނުކޮށްފި ނަމަ ފިޔަވަޅުތަކަށް ބަދަލު ގެންނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ މާލީ ވުޒާރާއިން ބުނީ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާނީ ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކަށް ފަހުގައި ކަމަށެވެ. އަދި ޓެލެކޮމްއާއި ސޮފްޓްވެއާއާއި ޕެންޝަން ފައިސާ ދެއްކުމާއި ބަންދުކޮށްފައިވާ މީހުންނާ ގުޅޭ ބައެއް ފައިސާގެ މުޢާމަލާތްތަކަށް ފުރުޞަތު ދޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
2002ވަނަ އަހަރު ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބަލައި ޕްރޮސެކިއުޓު ކުރުމަށް އުފެއްދި އެ ކޯޓުން ވަނީ ޣައްޒާ ޢުދުވާނާ ގުޅިގެން ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތަށް ޔަހޫދީ ބައެއް އިސްވެރިން ހައްޔަރުކުރުމަށް ޢަމުރުތައް ނެރެފައެވެ.