ދިވެހި ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެންމެފަހުން ކުޅުނު މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުންވީ ބައްޔަކީ، ސީޒަނުގައި ކުރިއަށްހުރި މެޗުތަކުގައި ނަތީޖާ ނެރެ، މޮޅުވުމަށް ލިބިގެންދިޔަ ހިތްވަރެއްކަމަށް މާޒިޔާގެ ކޯޗު ތޯމަސް ޓްރުޗާ ބުނެފިއެވެ.
ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު މާޒިޔާއިން ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓްރުޗާ ބުނީ، ނިއު އަތުން ވީ ބައްޔަކީ ލިބުނު ހިތާމައެއް ނަމަވެސް މިއީ ކުރިއަށްދާން ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
ޚާއްސަގޮތެއްގައި މިއީ ކުރިއަށް ހުރި މެޗުތަކުގައި ކުޅުން ރަނގަޅުކުރަން ކުޅުންތެރިންނަށް ވެސް ލިބުނު ހިތްވަރެއްގެ ގޮތުގައި ކޯޗު ޓްރުޗާ ފާހަގަކުރިއެވެ.
"އަހަރެން ގަބޫލުކުރަނީ މިއީ މޯޓިވޭޝަނެއްކަމަށް އައު ސީރީޒް އެއް ފަށަން. ކަންދިމާކުރިގޮތުން ނިއު މެޗުގެ އިތުރުވަގުތުގައި، އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ވަތް ގޯލަކާއެކު އަހަރުމެން ބަލިވެގެންދިޔައީ. އަހަރުމެން އުފާވާ ކަމެއް ނޫން އެއީ. އަދިވެސް އޭގެ ތަދު އެބަހުރި. އެކަމަކު އަހަރެން ގަބޫލުކުރަނީ މިއީ އަހަރެންނަށް ވެސް އަދި ކުޅުންތެރިންނަށް ވެސް، އިތުރު ހިތްވަރެއް ލައިގެން މަސައްކަތްކޮށް، ކުރިން ގާއިމްކުރި ކާމިޔާބީގެ ރެކޯޑު އަލުން ފަށަން ލިބިގެންދިޔަ ހިތްވަރެއްކަމަށް". ކޯޗު ޓްރުޗާ ބުންޏެވެ.
ވިކްޓްރީއާއި ނިއުރޭޑިއަންޓާ އަޅާކިޔާ ވާހަކަދައްކަމުން ޓްރުޗާ ބުނީ، ވިކްޓްރީއަކީ ނިއުއާ އަޅާ ކިޔާއިރު ބޮޑު ޗެލެންޖެކޭ ނުބުނާނެ ކަމަށާއި އެހެންނަމަވެސް މިއީ ތަފާތު ޗެލެންޖަކަށްވާނެ ކަމަށެވެ.
އައު ކުޅުންތެރިންނާއި އައު ކޯޗަކާއެކު ވިކްޓްރީ އޮތީ ވަރުގަދަކޮށްކަން ގަބޫލުކުރާ ކަމަށާއި، އެ ޓީމުން މަސައްކަތްކުރާނީ ތަފާތު އެޕްރޯޗަކާ އެކުގައިކަން އެނގޭ ކަމަށް ކޯޗު ބުންޏެވެ. އަދި މިހުރިހާ ކަމަކަށް ރިއާޔަތްކޮށްފައި މިއީ ނިއު މެޗަށްވުރެ ވަކި ބޮޑު، ނޫނީ ކުޑަ މެޗެކޭ ނުބުނާނެ ކަމަށާއި އެހެންނަމަވެސް މިއީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ލީގުގައި މިހާތަނަށް މާޒިޔާ ވެސް އަދި ވިކްޓްރީ ވެސް ދެ މެޗު ކުޅެފައިވާއިރު މާޒިޔާއިން ވަނީ އެއް މެޗުން މޮޅުވެފައެވެ. އެއީ ލީގުގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗެވެ. ދެވަނަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ މާޒިޔާ ބަލިވީ 2-3ގެ ނަތީޖާއަކުންނެވެ.
ލީގުގައި ވިކްޓްރީން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޓީސީ އަތުން 1-5 އިން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި ދިއްދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ 3-4 އިން ވިކްޓްރީ ވަނީ މޮޅުވެފައެވެ.
ލީގު އަލުން ފަށާއިރު ކުޅުނު ދެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އަދި ގޯލު ތަފާތުން ކުރި ލިބިގެން ވިކްޓްރީ އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. މާޒިޔާއަށް ދެ މެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު ލިބެނީ ތާވަލުގެ ފަސްވަނައެވެ.