ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކަޕް 2025 ގައި ކުޅުނު ހަތަރުވަނަ މެޗުންވެސް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ބަލިވެއްޖެއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ރާއްޖެ ބަލިވީ ސްރީ ލަންކާ އަތުން ސީދާ ތިން ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 25-21، 27-25 އަދި 25-18 އިންނެވެ.
މި މެޗުގެ ކުރިން މުބާރާތުގައި ކުޅުނު ފުރަތަމަ ތިން މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެގޮތުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ބަންގްލަދޭޝްއިން ގެންދިޔައީ 25-21، 25-13 އަދި 25-21 އިންނެވެ. އަދި ދެވަނަ މެޗުގައި އަފްޣާނިސްތާން އަތުންވެސް ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އަފްޣާނިސްތާނުން ގެންދިޔައީ 25-17، 25-20 އަދި 25-12 އިންނެވެ. މީގެ އިތުރުން ލީގު ބުރުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުންވެސް ސީދާ ތިން ސެޓުން ރާއްޖެ ބަލިވިއިރު، އެ މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-21، 25-23 އަދި 25-18 އިންނެވެ.
މި މުބާރާތުގައި ޖުމްލަ ހަ ޓީމު ވާދަކުރާއިރު، ލީގު ބުރުގެ ފަހު މެޗުގައި މިއަދު ރާއްޖެ ނުކުންނާނީ ތުރުކުމެނިސްތާނާ ދެކޮޅަށެވެ.
މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރަށްފަހު، ފައިނަލަށް ދަތުރުކުރާނީ އެއްވަނަ އާއި ދެވަނަ ހޯދާ ދެ ޓީމުންނެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ހޯދާ ދެ ޓީމުން ލޯ މެޑެލް މެޗުގައި ވާދަކުރާއިރު، ފަސްވަނަ އާއި ހަވަނައިގައި ނިންމާ ދެ ޓީމުން ކުޅޭނީ ރޭންކިން މެޗެކެވެ. ލީގު ބުރުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ބަލިވުމާއެކު، ރާއްޖެއަށް ދެން ޖެހޭނީ ރޭންކިން މެޗުގައި ވާދަކުރާށެވެ.