ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުންނަ އެ ޤައުމުގެ އެންމެ މަޝްހޫރު ދާރުލްއާސާރު ކަމަށްވާ ލޫވްޚައިން އަގުބޮޑު ޖަވާހިރުތަކެއް ވަގަށް ނެގި މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފިއެވެ.
އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު ހަތަރު މީހަކު ރޯމާދުވާލު ލޫވްޙައަށް ވަދެ ފަރަންސޭސިވިލާތުގެ ކުރީގެ ރަސްރަސްކަލުންނާއި ރަނިކަނބަލުން ގެންގުޅުއްވި ތާރީޚީ އަދި އަގުބޮޑު ޖަވާހިރާއި ގަހަނާ ވަނީ ވަގަށް ނަގައިފައެވެ. ޖުލްލަ އަށެތި ވަގަށް ނަގާފައިވާއިރު އެ ތަކެތީގެ އަގު 102 މިލިޔަން އެމެރިކާ ޑޮލަަރަށް އަރައެވެ. އެ މީހުން ދާރުލްއާސާރަށް އެތެރެވެފައި ވަނީ އިމާރާތުގެ ބޭރުގައި އޮތް ޓްރަކެއްގައި އަޅާފައިވާ ކެރޭނެއް ބޭނުންކޮށްގެން މަތީ ފަންގިފިލާއެއްގެ ކުޑަދޮރާ ހަމައަށް ގޮސް، އެ ކުޑަދޮރު ތަޅާލައި އެތެރެއަށް ވަނުމަށް ފަހުގައެވެ. ވަގުން ވަނީ ޖަވާހިރުތައް ލާފައި ބިއްލޫރި ފޮށިތައް ތަޅާލައި، އެ ތަކެތި ނަގައި، ސައިކަލުތަކެއްގައި އެ ސަރަޙައްދު ދޫކޮށް ގޮސްފައެވެ.
އެނގިފައިވާ ގޮތުގައި ލޫވްޚައިން ވައްކަންކުރުމުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 30ގެ އަހަރުތައް ގުނަމުންދާ ދެ މީހެކެވެ. ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ފަރަންސޭސިވިލާތުގެ އެންމެ ފަޤީރު އެއް ސަރަޙައްދުކަމަށްވާ ސެން ސާން ދަނީއަށް ނިސްބަތްވާ ދެ މީހުންނެވެ. އެ ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ ފަރަންސޭސިވިލާތުން ފުރައިގެން އަލްޖަޒާއިރަށް ދިޔުމަށް މަަސައްކަތް ކުރަމުން ދަނިކޮށް ފަރަންސޭސިވިލާތުގެ ޗާލް ޑު ގޯލް ވައިގެ ބަނދަރުންނެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށްފައިވާ ނަމަވެސް ވަގަށް ނަގާފައިވާ ޖަވާހިރުތަކުގެ އެއްވެސް މިންވަރެއް ހޯދިފައިވާ ކަމަށް މިހާަތަނަށް ރަސްމީ އިދާރާތަކުން ބުނެފައެއް ނުވެއެވެ.
ހައްޔަރު ކުރީ ކިތައް މީހުންތޯ އަދި އެ މީހުންގެ އެއްވެސް ތަފްޞީލެއް ރަސްމީ އިދާރާތަކުން ޙިއްޞާކޮށްފައި ނުވާއިރު އެ މަޢުލޫމާތު ދައުރުވަމުން ދާތީ ފަރަންސޭސިވިލާތުގެ ޕްރޮސެކިއުޓަރު ލައު ބިކިއު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެ ފަދަ މަޢުލޫމާތުތައް އާންމުވުމަކީ ތަހުޤީޤަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެއްވެސް ތަފްޞީލީ މަޢުލޫމާތެއް ޙިއްޞާކުަރަން އަދި މާ އަވަސްކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ލޫވްޚައަކީ އަހަރެއްގެ މައްޗަށް އެންމެ ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކުރާ ދާރުލްއާސާރެވެ. އެ ދާރުލްއާސާރަށް އަހަރަކު 8.7 މިލިޔަން މީހުން ޒިޔާރަތް ކުރެއެވެ. މަޝްހޫރު ކުރެހުމެއް ކަމަށްވާ މޮނަ ލީސާ ވެސް ހުންނަނީ އެ ދާރުލްއާސާރުގައެވެ.
ލޫވްޚަ ދާރުލްއާސާރަކީ ވަގުންގެ ކަޅި ވަރަށް ގިނައިން އަމާޒުވާ ދާރުލްއާސާރެކެވެ. 1911ވަަނަ އަހަރުގެ ތެރޭގައި އެ ދާރުލްއާސާރުން މޮނަ ލީސާ ވެސް ވަގަށް ނަގާފައިވެއެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން އެ ކުރެހުން ވަނީ އިޓަލީވިލާތުގެ ފްލޮރެންސުން ފެނިފައެވެ. 1983ވަނަ އަހަރު ވެސް އެ ދާރުލްއާސާރުން ތާރީޚީ ގޮތުން މުހިންމު ދެ އެއްޗެއް ވަގަށް ނަގާފައިވެއެވެ. އެ ތަކެތި ހޯދުނީ އޭގެ 40 އަހަރު ފަހުންނެވެ.
ފާއިތުވި ދުވަސްތަކުގައި ފަރަންސޭސިވިލާތުގެ އެކި ދާރުލްއާސާރުތަކުގައި ވައްކަމުގެ ހާދިޘާތައް ހިނގާފައިވެއެވެ. އެ ގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް ޕެރިސްގެ ނެޗުރަލް ހިސްޓްރީ މިއުޒިއަމުން 600،000 ޔޫރޯގެ ރަން ވަގަށް ނަގާފައިވެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އެހެން ދާރުލްއާސާރަކުން ރޯމާދުވާލު ވައްކަންކޮށްފައިވެއެވެ.