ޅ. އަތޮޅު އޮޅުވެލިފުށީގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅާއި މާލެއަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ.
އޮޅުވެލިފުށި ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ހާއްސަ ރަަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުއެވެ. މި ރަސްމިއްޔާތުގައި ކުރެންދޫ ދާއިރާގެ މެމްބަރު އަދި އެރަށު ކައުންސިލްގެ ރައީސް ބައިވެރިވަޑައިގަތެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓަރަކްޝަންއާއިއެވެ.
ސަރުކާރުން މިހާތަނަށް ވަނީ 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އެޅުމަށް ނިންމާފައެވެ. އަދި މީގެތެރެއިން ވަރަށް ގިނަ ރަށްތަކެއްގައި ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތަކީ ކައުންސިލްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމަށް ސަރުކާރުން ފައްޓާވާފައިވާ މަޝްރޫޢުގެދަށުން ފައްޓެވި މަސައްކަތެކެވެ.
މި އިމާރާތާއެކު ކައުންސިލަރުންނާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް އަދި ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ތަނަވަސްވެގެންދާނެއެވެ.