ޚަބަރު

މޯލްޑިވިއަނުން މުއްޔަށް ކޮޮންމެ ދުވަހަކުވެސް ދަތުރުތައް ބާއްވަން ފަށައިފި


  • މީގެ ކުރިން މޯލްޑިވިއަނުން މުއްޔަށް ދަތުރުކުރަނީ ހަފްތާއަކު 1 ދުވަހު

  • މާލެއާއި މުއްޔާއި ދެމެދު ކުރެވޭ މި ދަތުރަކީ 35 މިނެޓުގެ ދަތުރެއް

ޤައުމީ އެއަރލައިން މޯލްޑިވިއަނުން މުލަކަތޮޅު މުލި އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ޢަދަދު އިތުރުކޮށް، ދުވާލަކު އެއް ދަތުރު ކުރަން ފަށައިފިއެވެ. މިއީ މޯލްޑިވިއަންގެ ދަތުރުފަތުރުގެ ނެޓްވޯކް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އަރލައިނުން ފާހަގަކޮށްފައިވެއެވެ.

މޯލްޑިވިއަނުން މ. މުއްޔަށް ދަތުރުކުރަން ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ 17ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހު އެ އެއަރލައިނުން ދަނީ މުއްޔަށް ދަތުރުތައް ބާއްވަމުންނެވެ. ނަމަވެސް މިހާރު މޯލްޑިވިއަނުން ވަނީ މުއްޔަށް ކޮންމެ ދުވަހަކުވެސް ދަތުރުތައް ބާއްވަން ނިންމައި، ދަތުރުތައް ކުރަން ފަށާފައެވެ.

ކޮންމެ ދުވަހަކުވެސް މާލެއާއި މުއްޔާ ދެމެދު ކުރެވޭ 35 މިނެޓުގެ މި ދަތުރުގެ ސަބަބުން މީމު އަތޮޅުގެ ރައްޔިތުންނަށް ދަތުރުކުރަން ފަސޭހަވެގެންދާނެކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. އަދި މުލި އާއި އެ އަތޮޅަށް ދަތުރުކުރާ ފަތުރުވެރިންނަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ އެއަރލައިނުން ފާހަގަކުރެއެވެ.

މޯލްޑިވިއަންގެ އަމާޒަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ނެޓްވޯކް ފުޅާކޮށް، ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. މުއްޔަށް ޑެއިލީ ދަތުރުތައް ފެށުމަކީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް މުއްސަނދިކޮށްދޭނެކަމެއް ކަމަށް އެ އެއަރލައިނުން ފާހަގަކުރެއެވެ.

ޤައުމީ އެއެއަރލައިންގެ ފްލީޓުގައި 25 ބޯޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނޭ އޭޓީއާރުގެ ބޯޓުތަކާއި، ޑޭޝް8ގެ ބޯޓުތަކާއި، އޭ320 ނެރޯބޮޑީގެ އިތުރުން ސީޕްލޭން ބޯޓުތައް އެތެރޭގެ އުދުހުންތަކަށް ބޭނުންކުރަމުންދެއެވެ. އަދި މ. މުއްޔަށް ކުރާ ދަތުރާއެކު، މޯލްޑިވިއަންގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ވިއުގަ މިހާރު 17 މަންޒިލަކަށް ފުޅާވެފައިވާ ކަމަށް އެ އަރލައިނުން މައުލޫމާތުދެއެވެ.

މުލި އެއަރޕޯޓް ޚާއްސަކޮށްފައިވަނީ އެތެރޭގެ އުދުހުންތަކަށެވެ. މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ސަރުކާރުން 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.