ޚަބަރު

ސިނގިރޭޓު ކޮންޓޭނަރު މައްސަލަ: ސަރުކާރުން ޢަމަލުކުރިގޮތާމެދު ޣަފޫރުގެ ތައުރީފު


  • ރާއްޖޭގައި ހިންގަމުންދާ ބޮޑެތި ވައްކަންތަކުން މާލިއްޔަތަށް ގެއްލުންތަކެއް ލިބެމުންދާކަމަށް ވިދާޅުވި

  • މިކަންކަން ބެލި، ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މެންބަރު ވިދާޅުވި

ސިނގިރޭޓް ކޮންޓެއިނަރު ތަކެއް ވަގަށް ނެގި މައްސަލާގައި ތުހުމަތުކުރެވޭ މީހުން އިންސާފުގެ މަގަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތައުރީފުކުރައްވައިފިއެވެ.

ވަގަށް ނަގާފައިވާ ސިނގިރޭޓް މައްސަލަތަކާ ގުޅޭގޮތުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރައްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރާއްޖޭގައި ހިންގަމުންދާ ބޮޑެތި ވައްކަންތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި ވައްކަންކުރެވެނީ ނިޒާމުގެ ތެރޭގައި ތިބި ބައެއް މީހުންގެ ބައިވެރިވުމާއެކުކަމަށް ޢަބްދުލްޣަފޫރު ތުހުމަތުކުރެއްވިއެވެ. މިކަންކަން ބެލި، ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ސިޔާސީ ޚިޔާލުތަފާތުވުންތަކުން އެއްކިބާވެ، ރާއްޖޭގައި ހިންގާ ބޮޑެތި ވައްކަންތައް ހުއްޓުވައި، މިކަމުގައި އުޅޭ ނުފޫޒުގަދަ މީހުން އިންސާފުގެ މަގަށް ގެނައުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެގޮތުން މިފަހުން ހިނގާދިޔަ ސިނގިރޭޓް ދެ ކޮންޓެއިނަރު މައްސަލާގައި ގަވާއިދާ ޚިލާފަށް ސިނގިރޭޓް އެތެރެކުރާކަމަށް ތުހުމަތުކުރެވޭ ނުފޫޒުގަދަ ދެ ވިޔަފާރިވެރިއަކު ހައްޔަރުކުރިކަމަށްޓަކައި ޢަބްދުލްޣަފޫރު ދިވެހި ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.

"އަޅުގަނޑު ޙަޤީޤަތުގައި ސަރުކާރަށް ޝުކުރުއަދާކުރަން. ސިނގިރޭޓް މައްސަލާގައި ރާއްޖޭގައި މިކަހަލަ ކަންތައް ހިންގާ އުޅޭ ބަޔަކު ހައްޔަރުކުރީތީ. އެއީ ސަރުކާރުން ކުރި ހިތްވަރުގަދަ ކަމެއް. އިތުރަށް ވެސް މި ވައްކަންތައް ކުރާ މީހުން މީހުން ހައްޔަރުކުރަންޖެހޭނެ." މެންބަރު ވިދާޅުވިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގީ މިއަހަރުގެ އެޕްރީލް 26 ވަނަ ދުވަހުއެވެ.

މި މައްސަލާގެ ތުހުމަތުގައި ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި މުޢާޒް ޢަލީއާއި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދާއި ކަސްޓަމްސް ސުޕްރިޓެންޑެންޓް ޒިވާރު އިސްމާއިލް ހައްޔަރުކޮށްފައިވެއެވެ.