ކ. ކާށިދޫގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެރަށުގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއްބ ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކާށިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ކާށިދޫގެ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ކާށިދޫ ދާއިރާގެ މެމްބަރ މީގެ އިތުރުން އެރަށު ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާ މިވަގުތު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދެމުން އަންނަނީ މާލެ ސަރަހައްދުގައެވެ. އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ޑްރަގް ފަރުވާގެ 6 ސެންޓަރު ހުރި ނަމަވެސް، އެންމެ ޒަމާނީ އެކަށީގެންވާ ފަރުވާ އެތަންތަނުގައި ޤާއިމުވެފައެއް ނެތެވެ. ސަރުކާރުގެ އަމާޒަކީ އައު ސެންޓަރުތަކުގެ މަސައްކަތް ނިމިގެންދާއިރު، ފަރުވާގެ ވަށާޖެހޭ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންދިއުމެވެ.