ޚަބަރު

ސޫޓްކޭސް ފޭރިގަތް މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ވަނަވަރު ޢާންމުކޮށްފި


  • އެއާޕޯޓުގައި ހިންގި ފޭރުމުގައި ބޭނުންކުރި ލޯންޗު ވަނީ ހޯދާފައި

  • ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ވީއައިއޭއިން ފައިސާހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގައި ބޭނުންކުރި ލޯންޗް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި 4 މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ)އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުންހުރި މައުލޫމާތު ހާމަ ކުރަމުން ގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.