ޚަބަރު

އޮސްޓްރޭލިޔާ ސަރުކާރުން ކަސްޓަމްސްއަށް ސަރވައިލަންސް ޑްރޯންތަކެއް ހަދިޔާކޮށްފި


  • ޑްރޯންތައް ހަވާލުކޮށްދެއްވީ އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު

އޮސްޓްރޭލިޔާ ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ސަރވައިލަންސް ޑްރޯންތަކެއް ހަދިޔާކޮށްފިއެވެ.

ސަރވައިލަންސް ޑްރޯންތައް ހަދިޔާކުރުމަށް ކަސްޓަމްސްގެ މައި އިދާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އޮސްޓްރޭލިޔަން ބޯޑަރ ފޯސްއިން ރާއްޖޭގެ ކަސްޓަމްސް ސަރވިސްއަށް ހަދިޔާކުރެއްވި ޑްރޯންތައް ހަވާލުކޮށްދެއްވީ އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕްއެވެ. ކަސްޓަމްސްގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ޑްރޯންތައް ހަދިޔާކުރެއްވިކަމަށްޓަކައި އޮސްޓްރޭލިޔާގެ ސަރުކާރާއި އެ ޤައުމުގެ ބޯޑަރ ފޯސްއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދިލާތި އެހީގެ ސަބަބުން ބޯޑަރ އެންފޯސްމަންޓްގެ މަސައްކަތާއި، ޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެކަން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާހަގަކުރެއްވިއެވެ.