ނޭޝަންސް ލީގު އަންހެން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ސްޕޭނާއި ޖަރުމަނު ދަތުރުކޮށްފި އެވެ.
އަންނަ މަހު ކުޅޭ ފައިނަލް މެޗުން ޖަރުމަނު ޖާގަ ހޯދީ ފްރާންސްގެ މައްޗަށް ދެ މެޗުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. ޖަރުމަނާއި ފްރާންސް ރޭ ކުޅުނު މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ. ނަމަވެސް ޖުމުލަ ނަތީޖާއިން 3-2އިން ކުރި ލިބުނީ ޖަރުމަނަށެވެ. ސްޕޭން ފައިނަލަށް ދަތުރު ކުރީ ސްވިޑްންގެ މައްޗަށް 5-0އިން ކުރި ހޯދައިގެންނެވެ. ރޭ މި ދެ ޓިމު ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ޖެހީ ދެ ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ބާސެލޯނާގެ އަލެޒިއާ ފުޓެޔާސް އެވެ.
މުބާރާތުގެ ފައިނަލް ކުޅޭނީ ދެ މެޗަކަށެވެ. ފުރަތަމަ މެޗު ކުޅޭނީ އަންނަ މަހުގެ 28 ވަނަ ދުވަހު ޖަރުމަނުގަ އެވެ. ދެ ވަނަ މެޗު އޭގެ ހަތަރު ދުވަސް ފަހުން ކުޅޭނީ ސްޕޭނުގަ އެވެ.
މި ދެ ގައުމު ފައިނަލަށް ދަތުރު ކުރުމުން މިއީ އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން ސްޕޭން މޮޅުވި މެޗަށް ފަހު މިފަދަ ވާދަވެރި މެޗެއްގައި މި ދެ ޓީމު ކުޅޭ ފުރަތަމަ ފަހަރަށްވާނެ އެވެ.