ކުޅިވަރު

މަތިމައްޗަށް ބަލިވިޔަސް ލިވަޕޫލުން ކޯޗަށް އިތުބާރު ކުރާނެ


އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެ، ޕްރެޝަރުގައި އޮތަސް ޓީމުގެ ކޯޗު އާނޭ ސްލޮޓަށް އިތުބާރު ކުރާނެ ކަމަށް ލިވަޕޫލްގެ މެނޭޖްމަންޓުން ބުނެފި އެވެ.

ހުސްވި ސީޒަނުގައި ލިވަޕޫލާ ހަވާލުވެ ސްލޮޓް ވަނީ ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް މޮޅު ކުޅުންތެރިން ހޯދަން މި ސީޒަނުގައި 500 މިލިއަން ޑޮލަރު ހަރަދު ކުރުމަށްފަހު އޭނާ އަށް ވަނީ ނަތީޖާ ގޯސްވުމުގެ މައްސަލަ ކުރިމަތިވެފަ އެވެ.

ލިވަޕޫލްގެ މެނޭޖްމަންޓާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ބުނަނީ ލިވަޕޫލްގެ މެނޭޖްމަންޓުގެ ވިސްނުން ކޯޗާމާދު އެއްގޮތަކަށް ވެސް ބަދަލު ނުވާ ކަމަށެވެ. އަދި މި ވަގުތު ވިސްނަނީ ކޯޗަށް ވެސް ވަގުތުދީގެން ނަތީޖާތައް ރަނގަޅު ކުރަން ކަމަށެވެ. ނަމަވެސް މިއީ ފާއިތުވެދިޔަ 11 އަހަރު ތެރޭގައި ލިވަޕޫލްގެ އެންމެ ނަތީޖާ ގޯސް ދުވަސްވަރެވެ. ޕްރެމިއާ ލީގުގައި ލިބފައިއޮތް ލީޑު ގެއްލި ޓޭބަލުގެ ހަތަރު ވަނަ އަށް ވަނީ ވެއްޓިފަ އެވެ. ރޭ ކެޓީ އިނގިރޭސި ލީގު ކަޕުންނެވެ.

މި މެޗަށް ފަހު އިނގިރޭސި ކުރީގެ ބައެއް ކުޅުންތެރިން ވަނީ އަނެއްކާ ވެސް ސްލޮޓަށް ފާޑުކިޔާފަ އެވެ. ޖެމައިން ރެޑްނެޕް ބުނީ ކޯޗު ސްލޮޓް ބަލިވުމުން ދައްކަނީ ތާކުންތާކު ނުޖެހޭ ބަހަނާ ކަމަށެވެ.

"މި މެޗަށް އޭނާ ނެރުނީ މުޅިން ބަދަލުވެފައިވާ ޓީމެއް. 9 ކުޅުންތެރިންނަކީ ޒުވާން ކުޅުންތެރިން. މީގެ ތެރޭގައި އަލަށް ކުޅެން ނުކުތް ދެ ކުޅުންތެރިން ވެސް ހިމެނޭ. ޓީމުގެ ނަތީޖާ ވަރަށް ބޮޑަށް ގޯސްވެފައިވާ ވަގުތެއްގައި މިހާ ބޮޑު ބަދަލެއް ގެނެސް އެއްވެސް ތަޖުރިބާއެއްނެތް ޒުވާން ކުޅުންތެރިން ތިމަންނަށް އަށް ނަތީޖާ ހޯދައިދޭނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގޯހެއް. އޭނާ މުޅިން ވެސް ދައްކަނީ ތާޖުންތާކު ނުޖެހޭ ބަހަނާ،" ރެޑްނެޕް ބުންޏެވެ.

މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި އިނގިރޭސި ގައުމީ ކެޕްޓަންކަން ކުރި ވޭން ރޫނީ ވެސް ވަނީ ސްލޮޓަށް ފާޑުކިޔާފަ އެވެ. އަދި މުޅި ކެރިއަރު ލިވަޕޫލްގައި ހޭދަކުރި ޑިފެންޑަރު ޖެމައިން ކަރެގާ ވެސް ވަނީ ސްލޮޓަށް ޓީމު ކޮންޓްރޯލް ނުކުރެވޭ ކަމަށް ބުނެފަ އެވެ.